English Edition
Dhivehi Edition

އިދިކޮޅު ޕީޕީއެމުން ކޮންމެ ހުކުރު ދުވަހަކު ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން، މިއަދު ކުރިއަށް ގެންދާ މުޒާހަރާގައި 38 މީހަކު ހައްޔަރު ކޮށްފި އެވެ.

މިއަދުގެ މުޒާހަރާގައި 38 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވާއިރު މުޒާހަރާ ރޫޅައިލުމާއި، މީހުން ހައްޔަރުކުރުމުގައި މީހުންނަށް އަނިޔާވި ކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ. އެހެންނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މިއަދުގެ މުޒާހަރާއަށް މީހުން ޕީޕީއެމް އޮފީސް ކައިރިއަށް އެއްވުމުގެ ކުރިން އޮފީހާށް ދެވެން އޮންނަ ހުރިހާ މަގެއް ބަންދުކޮށްފައިވާއިރު އިދިކޮޅު ކޯލިޝަނުންވަނީ މާލޭގެ އެކި ސަރަހައްދުގައި މިއަދުގެ މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ.

އިދިކޮޅުން މިއަދު މުޒާހަރާއަށް ނުކުންނަށް ތައްޔާރުވެފައި ވަނިކޮށް، ރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވެސް ވަނީ މަގުތަކަށް އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައެވެ.

މިދިޔަ ހަފްތާގައިވެސް އިދިކޮޅުން، ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވެފައިވަނިކޮށް ފުލުހުން ވަނީ މުޒަހާރާ ފެށުމުގެ ކުރިން ކޯލިޝަންގެ ލީޑަރުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން ބައެއް އާންމުންވެސް ހައްޔަރުކޮށްފައެވެ. އަދި ޕީޕީއެމް އޮފީސް ބަންދުކޮށްފައިވާއިރު ފުލުހުން ބުނީ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ގޮތަށް އެއްވުންތައް ބާއްވައި ކަންކަން ހިންގުމަށް ފުރުސަތު ނުދޭނެކަމަށެވެ.