ސްޓާ ޕްލަސް އިން ދައްކާ މަޝްހޫރު ޑްރާމާ ”ގުމް ހެ ކިސީ ކޭ ޕިޔާރް މޭ“ގެ ލީޑް ތަރިންކަމުގައިވާ ނީލް ބަޓް އާއި އައިޝްވާރިޔާ ޝަރްމާ މިއަހަރު ތެރޭގައި ކައިވެނިކުރާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
”ގުމް ހެ ކިސީ ކޭ ޕިޔާރް މޭ“ގައި އައިޝްވާރިޔާ(ޕާކީ) ފެނިގެންދަނީ ނީލް(ވިރާޓް)ގެ ކުރީގެ ލޯބިވެރިޔާގެ ރޯލުންނެވެ. ވިރާޓް އާއި ޕާކީގެ ރޯލުން ފެނިގެންދާ މި ދެ ތަރިން،އެ ޑްރާމާގައި ދައްކަމުންދާ މޮޅު ހުނަރުގެ ސަބަބުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު މިހާރު ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުންދަނީ މި ދެތަރިންގެ ކައިވެންޏަށެވެ،
މި ޑްރާމާގެ ސެޓުން ދެތަރިންގެ ގުޅުން އުފެދިގެން ދިޔައިރު ނީލް ބުނީ ދެ މީހުން ޑޭޓްކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ، ދެމީހުންގެ ލޯބީގެ ގުޅުމާއި ބެހޭ ގިނަ ވާހަކަތަކެއް މީޑިއާގައި ހިއްސާކުރަމުން ނީލް ބުނީ ދެމީހުން އެއްކޮށް މަސައްކަތްކުރަން ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ކަމަށެވެ. “ޑްރާމާގެ ސެޓުން އުފެދުނު އެކުވެރިކަން މާ ގިނަ ދުވަހެއް ނުވެ ލޯތްބަށް ބަދަލުވީ. ދެމީހުންގެ މިޒާޖުވެސް ވަރަށް އެއްގޮތްވީމަ ބޭނުންވީ މި ގުޅުން ވަރަށް ސީރިއަސްކޮށް ކުރިއަށް ގެންދަން” ނީލް ބުންޏެވެ. މީގެ އިތުރުން ނީލް ވަނީ މިއަހަރު ކައިވެނި ކުރާނެކަމަށާއި އެހެންނަމަވެސް އަދި ތާރީހެއް، ފަހުން އިއުލާންކުރާނެކަމަށް ބުނެފައެވެ.
ނީލް އާއި އައިޝްވާރިޔާ އެކުގައި ގިނަ ވަގުތު ހޭދަކޮށް، ސޯޝަލް މީޑިއާގައިވެސް ފޮޓޯތައް ހިއްސާކުރަމުން އަންނައިރު، މިއެ ދެތަރިން މިއަހަރުގެ ޑިސެމްބަރު މަހު ކައިވެނިކުރާނެކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. އަދި ނީލް އާއި އައިޝްވާރިޔާ ގުޅުން ދެ އާއިލާއަށްވެސް މިހާރު އެގިފައިވާއިރު އާއިލާގެ ހާއްސަ ހަފްލާތަކުގައި ދެމީހުން އެކުގައި ބައިވެރިވާކަމަށްވެސް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ.