އެކްތާ ކަޕޫރުގެ ކާމިޔާބު ޑްރާމާ ސިލްސިލާ “ކަސޯޓީ ޒިންދަގީ ކީ” އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލުކަން ހޯދާފައިވާ ޝޯއެކެވެ. މި ޑްރާމާގައި ފެނިގެންދާ ތަރިންގެ މޮޅު ހުނަރާއެކު މި ސިލްސިލާގެ ފުރަތަމަ ސީޒަނަށް ލިބިގެން ދިޔަ ތަރުހީބު ޑްރާމާގެ ދެވަނަ ބަޔަށްވެސް ވަނީ ލިބިގެން ގޮސްފައެވެ.
ކޮވިޑް19 އާއި ގުޅިގެން މި ސިލްސިލާ ދެއްކުން މެދުކަނޑާލުމަށްފަހު އަންނަ މަހުގެ ތެރޭގައި އަލުން ޑްރާމާ ދައްކަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނައިރު،މި ސިލްސިލާގައި އެންމެ މުހިންމު ރޯލެއް އަދާކުރަމުން އަންނަ ‘މިސްޓަރ ބަޖާޖް’ ގެ ރޯލުން ދެން ފެނިގެންދާނީ “ޔޭ ހޭ މުހައްބަތޭން” އިން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ކަރަން ޕަޓޭލް އެވެ.
ކަސޯޓީގައި ކުރިން ބަޖާޖްގެ ރޯލުން ފެނިގެން ދިޔަ ކަރަން ސިންގް ގްރޯވާ ޑްރާމާއިން ވަކިވުމާއެކު ދެން އެ ރޯލުން ފެނިގެންދާނެ ތަރިއަކާއި މެދު ގިނަ ބަޔަކުވަނީ ބަހުސްކޮށްފައެވެ. އެފަދަ ވަރުގަދަ ރޯލަކުން ދެން ފެނިގެންދާނެ ތަރިއަކާއި މެދު ގިނަ ބަޔަކު ކުރަމުން ދިޔަ ބަހުސަށް ނިމުމެއް ގެނެސް ކަސޯޓީގައި ބަޖާޖްގެ ރޯލަށް ސޮއިކުރިކަން ހާމަކުރަމުން ކަރަން ޕަޓޭލް ބުނީ އެ ރޯލް ކުޅެން ލިބުމަކީ ޝަރަފެއް ކަމަށެވެ. “އަހަރެން މަސައްކަތްކުރާނީ އަހަރެންގެ ސްޓައިލަށް ބަޖާޖް ދައްކައިދިނުމަށް. އަހަރެން ބަލާނަން ކަސޯޓީގެ ފުރަތަމަ ސިލްސިލާގައި ރޯނިތު ރޯއި އަދި ފަހުގެ ސިލްސިލާގައި ކަރަން ކުޅުނު ފެންވަރަށް ބަޖާޖްގެ ރޯލް ކުޅެވޭތޯ.” ކަރަން ޕަޓޭލް ބުންޏެވެ.
ކަސޯޓީގެ ފުރަތަމަ ސީޒަން 2001 އަކުން ފެށިގެން 2008 ގެ ނިޔަލަށް ގެނެސްދީފައިވާއިރު އޭރު ޑްރާމާގެ ލީޑު ބަތަލާއަކަށް ފެނިގެންދިޔައީ ޝްވެތާ ތިވާރީ އެވެ. ލީޑު ބަތަލުންގެ ރޯލުތަކުން އުރްވަޝީ ދޮލާކިއާ އާއި ރޯނިތް ރޯއީ ފެނިގެންދިޔަ އެވެ. 2018 ވަނަ އަހަރު ފެށި މި ޑްރާމާގެ ދެވަނަ ސީޒަންގައި ޕާތު ސަމްތާނާއި އެރިކާ ފެނަންޑޭޒް ލީޑް ރޯލް އިން ފެނިގެން ދިޔައިރު ކުރިން ކޮމޮލިކާގެ ރޯލު ކުޅުނު ހީނާ ޚާންވެސް ވަނީ ފެނިގެން ގޮސްފައެވެ. ކޮމަލިކާގެ ރޯލު ކުޅޭ ބަތަލާ ހީނާ ޚާން ޝޯއިން ވަކިވުމުން ދެން އެ ރޯލުން ފެނިގެންދިޔައީ އާމްނާ ޝަރީފްއެވެ.