English Edition
Dhivehi Edition

ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ “ގުމް ހޭ ކިސީކޭ ޕިޔާރް މޭ” ގައި ލީޑް ރޯލް ކުޅޭ ނީލް ބަޓް އާއި އެ ސިލްސިލާގައި ޕާކީގެ ރޯލުން ފެނިގެންދާ ބަތަލާ އައިޝްވާރިޔާ ޝަރުމާ ކައިވެނި ކޮށްފި އެވެ.

މި ދެ ތަރިންގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މި ކައިވެނީގެ ހަފްލާގައި ދެ ތަރިންގެ އާއިލާ އާއި ވަރަށް ގާތް ރަހްމަތްތެރިން ބައިވެރިވެފައިވާއިރު، އައިޝްވާރިޔާ ވަނީ ކައިވެނީގެ އެކި ރަސްމިއްޔާތުތަކުގެ ފޮޓޯތައް އޭނާގެ ސަޕޯޓަރުންނާއި ހިއްސާކޮށްފައެވެ.

ގުމް ހޭ ކިސީކޭ ޕިޔާރް މޭގައި ވިރާޓް އާއި ޕާކީގެ ރޯލުން ފެނިގެންދާ މި ދެ ތަރިން،އެ ޑްރާމާގައި ދައްކަމުންދާ މޮޅު ހުނަރުގެ ސަބަބުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު މި ދެތަރިންގެ ގުޅުން ފެށިގެން ދިޔައީ މި ޑްރާމާގެ ސެޓުންނެވެ.

މި ދެ ތަރިންގެ ގުޅުމާއި ބެހޭ ގޮތުން މީގެ ކުރިން ނީލް ބުނެފައިވަނީ ޑްރާމާގެ ސެޓުން އުފެދުނު އެކުވެރިކަން މާ ގިނަ ދުވަހެއް ނުވެ ލޯތްބަށް ބަދަލުވީކަމަށެވެ.އަދި ދެމީހުންގެ މިޒާޖުވެސް ވަރަށް އެއްގޮތްވުމާއެކު ބޭނުންވީ އެ ގުޅުން ވަރަށް ސީރިއަސްކޮށް ކުރިއަށް ގެންދަންކަމަށް އޭނާ ވަނީ ބުނެފައެވެ.