ޖޫން މަހު މަރުވި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ އެންމެ ފަހު ފިލްމު “ދިލް ބޭޗާރާ” ސްޓާޕްލަސް އިން ދައްކަން ނިންމައިފި އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި މި ފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވާ އާދިއްތަދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ގައެވެ. މުކޭޝް ޗާބްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2014 ގައި ރިލީޒްކުރި ހޮލީވުޑްގެ ކާމިޔާބު ފިލްމު “ފޯލްޓް އިން އަވާ ސްޓާޒް” ގެ ރިމޭކެކެވެ. ކެންސަރުގެ ޝިކާރަކަށްވެފައިވާ ޒުވާން ދެ ލޯބިވެރިއެއްގެ އަސަރު ގަދަ ވާހަކަ ކިޔައިދޭ މި ފިލްމުގައި ސުޝާންތު އާއި އެކު ފެނިގެން ދާނީ ސަންޖަނާ ސާންގީއެވެ.
ސުޝާންތަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ދިލް ބޭޗާރާ ހިޓަކަށް ހެދުމަށް އޭނާގެ ފޭނުން ނިންމާފައިވާއިރު މިފިލްމު ރިލީޒްކުރިތާ 24 ގަޑިއިރު ނުވަނީސް 75 މިލިއަން ވިއުސް ހޯދާފައިރު މި ފިލްމު ވެފައިވަނީ ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އިންޑިއާގައި އެންމެ ގިނަ ބަޔަކު ބެލި ފިލްމުގެ މަގާމް ހޯދާފައެވެ.
މިދިޔަ މަހުގެ 14ދުވަހު އަމިއްލައަށް ދަންޖެހިގެން މަރުވި ސުޝާންތުގެ ވާހަކައިން މުޅި ސޯޝަލް މީޑިއާ ފުރާލާފައިވާއިރު މި ފިލްމުގެ ޑައިލޮގްތައްވެސް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. “އުފަންވާނީ ކޮން އިރަކުންތޯ މަރުވާނީ ކޮން އިރަކުންތޯ މިއީ އަހަރެމެންނަށް [އިންސާނުންނަށް] ނިންމޭނެ ކަމެއް ނޫން. ނަމަވެސް ދިރިއުޅޭނީ ކިހިނެއްކަން އަހަރެމެންނަށް ނިންމި ދާނެ،” މިއީ ސުޝާންތުގެ “ދިލް ބޭޗާރާ” އިން އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ޑައިލޮގެވެ.