English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

މީގެ ކުރިން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާގެ ނިޔަލަށް ހަމަވާތީ ސަރުކާރުން ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް މި މުއްދަތު އިތުރު ކޮށްފައެވެ.

ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުނު ގާރާރުގައި، ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގެ ނުރައްކާ ފުޅާ ދާއިރާއެއްގައި އަދިވެސް އޮތް ކަން ފާހަގަކުރައްވަމުން ބުނީ އާންމު ރައްޔިތުންގެ ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތް ލަފާ ދެއްވާފައިވާ ކަމަށެވެ.

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އެހެންނަމަވެސް ރާއްޖޭގައި ކޮވިޑް19 ކޮންޓްރޯލްނުވެ އިތުރަށް ފެތުރެމުންދިއުމާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.