ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރެޖިސްޓްރޭޝަންގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާކަމަށާއި އެ މުއްދަތުގައި ރަޖިސްޓަރީވާން ހުށަހަޅާނީ 4އޭޕްރީލް 2020 ވީ ހޮނިހިރު ދުވަހު ބާއްވަން ނިންމައި، ފަހުން ފަސްކުރި އިންތިހާބުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށެވެ.ނަމަވެސް އެ އިންތިހާބުގައި ރިސޯޓްތަކާއި ޖަލުތަކާއި މެލޭޝިއާ ކުއަލަލަންޕޫރު އަދި އިނގެރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން، އޭޕްރީލް 10 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާތަނުގެ ގޮތުގައި ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެސް ހިމެނޭ ތަނެއްގަ އެވެ.އެހެންކަމުން މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން ތަނަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލާން ރެޖިސްޓަރީ ކުރަންވާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް އަދި އެސް.އެމް.އެސް (VR space IDNO Send to 1414) ކޮށްގެން ވެސް ޗެކްކުރެވޭނެއެވެ.
ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ “ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު” އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީހުންނެވެ. މާލޭ ސިޓީގައި ނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާގެ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ.
އީސީ އިން ބުނީއަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށަހެޅޭނީ 10 ފޯމުކަމަށާއި އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއަސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށަހެޅޭނީ އެތަނެއްގެ ތައްގަނޑު ފޯމުގައި ޖަހާފައިވާ 100 ފޯމުކަމަށެވެ.