އިލެކްޝަންސް ކޮމިޝަނުގެ (އީސީ) ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން، ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މުޙައްމަދު ޒާހިދު ކޮމިޝަނުގެ މެންބަރުކަމާއި ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވުމުން ފަސް މެންބަރުން ތިބެންޖެހޭ އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ހަތަރު މެންބަރުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ޖޫން މަހުގެ 3 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިޤްރާރު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ރައީސް އޮފީހުން ބަލައިގަންނާނެއެވެ.
އީސީގައި މިވަގުތު ތިއްބެވި މެންބަރުންނަކީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ، ޢަބްދުލްޙަސީބް އިސްމާޢީލް އަދި އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲއެވެ.
ކޮމިޝަނުގެ ރައީސްގެ މަޤާމު މިވަގުތު ހުސްކޮށް އޮތްއިރު، އެ މަޤާމަށް ބޭފުޅަކު އައްޔަންކުރާނީ ކޮމިޝަނުގެ ފަސް މެންބަރުން ހަމަވުމުން، އެ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.