English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ތެރެއިން ހިތަދޫ ސްކޫލް ހޯލު އުތުރުގައި ޤާއިމްކޮށްފައިވާ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިޔަށްދަނީ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ބެހެއްޓި ވޯޓު ފޮށިތައް ބަންދު ކުރަން ގަޑިއިރަކަށް ވެފައިވަނިކޮށް، ވޯޓުލުމުގެ ހައްގު ލިބިގެންވާ އާބާދީގެ 50 ޕަސެންޓު މީހުން ވެސް ވޯޓުލާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހަވީރު 3:00 އާ ހަމައަށް ވޯޓުލާފައިވަނީ ޖުމްލަ 2055 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ ޖުމްލަ 4121 މީހުންގެ އާބާދީގެ ތެރެއިން 49.8 ޕަސެންޓު މީހުންނެވެ.

މި އިންތިހާބުގައި ވޯޓުލުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ޖުމްލަ ހަތް ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން ދެ ފޮށި މާލޭގެ ދަރުމަވަންތަ ސްކޫލްގައި ބަހައްޓާފައިވާއިރު، ބާކީ ފަސް ފޮށި ބަހައްޓާފައިވަނީ ހިތަދޫ ސްކޫލްގައެވެ. މިއަދުގެ އިންތިހާބުގައި މައިގަނޑު ގޮތެއްގައި ވާދަކުރައްވަނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން އަބްދުالله ސޯދިގު (ސޯބެ) އާއި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެ ގޮނޑީގައި އިންނެވި މުހައްމަދު ސިނާނުގެ ކިބައިން މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މިދިޔަ އޭޕްރީލް މަހުގެ 12 ގައި ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. އޭނާގެ ޝަރުތު ގެއްލުނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ ފަސް މިލިއަން ރުފިޔާގެ ލޯނެއް ސާބިތު ދަރަނީގެ ގޮތުގައި އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދިއުމުންނެވެ. ނަމަވެސް، ސުޕްރީމް ކޯޓަށް މައްސަލަ ވެއްދުމަށްފަހު ސިނާނު އެ ލޯނު އަދާކޮށްފައިވާތީ، އޭނާއަށް ވެސް އަލުން މަޖިލިސް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ.