English Edition
Dhivehi Edition
ސ.މީދޫ މިސްކިތެއްގައި ޢީދު ނަމާދުކުރަނީ

އައްޑޫ ސިޓީ މީދޫގައި ކޮވިޑް19 ފެތުރިފައިވާ މިންވަރު ބެލުމަށްޓަކައި ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށް ހުޅުމީދޫ ޕަބްލިކް ހެލްތުން ބުނެފިއެވެ.

މީދޫ އިން މިހާތަނަށް ތޭރަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ޕަބްލިކް ހެލްތުން ބުނީ 1 މާރިޗް 2021 ވާ ހޯމަ ދުވަހު މީދޫގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކުން ސާމްޕަލް ނެގުމަށް ނިންމާފައިވާ ކަމަށެވެ، އަދި މި މަސައްކަތަކީ ކޮވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި ކުރަމުންދާ ވަރަށް މުހިއްމު މަސައްކަތެއްކަމުން މި މަސައްކަތަށް ރަށުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުން އެހީތެރިކަން ދިނުމަށް ޕަބްލިކް ހެލްތުންވަނީ ގޮވާލާފައެވެ.

މީދޫގައި މިވަގުތު ކޮވިޑްގެ ދެ ކްލަސްޓާއެއް އުފެދިފައިވާއިރު، އެ އަވަށުން ކޮންޓެކްޓް ޓްރޭސިން އަށް ލިބޭ ތަރުހީބު ކުޑަ ކަމަށް، އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ވިދާޅުވެފައެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯބެ ވިދާޅުވީ މީދޫ އިން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްކުރިއަށް ދާއިރު، ކޮންޓެކްޓް ޓްރޭސިން އަށް ބޭނުންވާ ވަރަށް މައުލޫމާތު ނުލިބޭ ކަމަށް ޕަބްލިކް ހެލްތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު މީދޫ އިން އިތުރު ކޭސްތައް ފެންނަމުންދަނީ އެ މައުލޫމާތުތައް ނުލިބި އަދި ކޮންޓެކްޓްވީ ފަރާތްތައް ނޭނގުމުގެ ސަބަބުން ކަމަށްވެސް ސޯބެ ވަނީ ފާހަގަކޮށްފައެވެ.