ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ބަސްމަގު ހުރީ ހޯމް މިނިސްޓަރެއްގެ ބަސް މަގު ހުންނަ ޖެހޭ ގޮތަށް ނޫންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް އިޝާރާތް ކުރައްވައި، އިމްރާން އިއްޔެ ކުރެއްވި ޓްވީޓެއްގައި މުޒާހަރާ ކުރިއަށް ގެންދެވުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓްރެޓެޖީ ވަރަށް ރަނގަޅަށްއެނގޭ” ކަމަށް ވިދާޅުވެ އިމްރާން ކުރެއްވި ޓުވިޓާއި ގުޅިގެންނެވެ،
ރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާންގެ މި ޓުވިޓަށް އިޝާރަތްކުރައްވަމުން ސައީދު ވިދާޅުވީ އިމްރާން އަކީ މިނިސްޓަރުކަމަށް ކުފޫހަމަވާ ބޭފުޅެއް ނޫންކަމަށާއި އެއީ މިނިސްޓަރެއްގެ ބަސް މަގު ހުންނަޖެހޭ ގޮތްނޫންކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ހޯމް މިނިސްޓަރުގެ ކިބައިގައި ކޮންމެވެސް ސިފައެއް ހުންނަވަން ޖެހޭނެ ކަމަށާއި ނަމަވެސް އެއީ އެކްޓިވިސްޓެއްގެ ސިފަ ނޫން ކަމަށެވެ. “މިނިސްޓަރުގެ ގައިގާ ހުންނަވަން ޖެހޭނީ އެކްޓިވިސްޓެއްގެ ސިފަތޯ؟ ވަޒީފާގައި ހުންނައިރު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަން ޖެހޭނީ ؟” ސައީދު ވަނީ ސުވާލުކުރައްވާފައެވެ. އިމްރާނުގެ ބަސްމަގު ހުރިގޮތުން، މިހާރުން މިހާރަށް އެމަނިކުފާނު އިސްތިއުފާ ދިނުމަށްވެސް ސައީދުވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އިމްރާންއަށް ބަހުގެ ހަމަލާތައް ދެއްވަމުން ސައީދު ވަނީ، އިމްރާން ހުންނެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް 23 ޑިސެމްބަރު، 2011ގައި ކުރި މުޒާހަރާގައިތޯ ސުވާލު ކުރައްވައިފަ އެވެ.
އަބްދުއް ރަހީމް އަށް ފާޑުވިދާޅުވެ އިމްރާން ކުރެއްވި މި ޓުވިޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އިމްރާންއަށް ވަނީ އަމާޒުވެފައެވެ.