English Edition
Dhivehi Edition
- ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް

އިއްޔެ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ އިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި އެވެ.

އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު ޝާހިދު އާއި އިދިކޮޅު މަޖިލިސް މެންބަރުންގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީގެ ކައުންސިލް މެންބަރުންވެސް ހިމެނެއެވެ.

ފުލުހުން ބުނީ އިއްޔެ ހައްޔަރު ކުރި 30 މީހުންގެ ތެރެއިން ތިން މީހަކު ފިޔަވައި ބާކީ މީހުން ދޫކޮށްލީ، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވެގެން ފިޔަވަޅު އެޅުމަށްފަހު ކަމަށެވެ. މި ގޮތުން 27 މީހަކު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު، ފިޔަވަޅު ނާޅާ ދޫކޮށްލި 03 މީހުންނަކީ މުޒާހަރާ ފެށުމުގެ ކުރިން ހައްޔަރު ކުރި މީހުންނެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ފެށުމުގެ ކުރިން ހުއްޓުވުމަށް ފުލުހުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް މުޒާހަރާގެ ބައިވެރިންވަނީ މާލޭގެ މަގުތަކުގައި އަޑު އުފުލައި ޝޫއޫރު ފާޅުކޮށްފައެވެ. މާލޭގެ ދެސަރަހައްދެއްގައި މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވެފައިވާއިރު، ފުލުހުން ވަނީ ޕީޕީއެމް އޮފީސް ކައިރީގައި ތިބި މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް މަސައްކަތްކޮށް އެ ޕާޓީގެ އޮފީސް ބަންދުކޮށްފައެވެ.