ޗާގޯސްގެ މައްސަލާގައި، ބަންޑަރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމަށް، ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ކާމިޔަބުވިޔަ ނުދޭނެކަމަށް އެމްޑީޕީން ބުނެފިއެވެ.
މިމައްސަލާގައި އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އެޓާނީ ޖެނެރަލް ރިފްއަތު މަސައްކަތް ކުރެއްވީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް ކަމަށާއި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް މައްސަލަ ނިމުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އެމްޑީޕީގެ ފުރިހަމަ އިތުބާރު ރިފްއަތަށް އޮތް ކަމަށާއި އޭނާ މަގާމުން ދުރުކުރަން ކުރާ މަސައްކަތް ކާމިޔާބު ވިޔަ ނުދޭނެ ކަމަށާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ވެސް ތިއްބެވީ ރިފްއަތާއި އެއްކޮށްކަމަށް އެބަޔާނުގައި ވެއެވެ.
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ފެއިލްވުމުން ސިޔާސީ ބައިބައިވުން އުފެއްދުމަށް ކަމަށާއި އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބަޔާނުގައި ވެއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅި އިދިކޮޅު ޕީޕީއެމް، ޕީއެންސީ، ޖޭޕީ އަދި އެމްއެންޕީގައި މިވަގުތު 13 މެންބަރުން ތިއްބަވާއިރު، އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ސޮއެއް ނުކުރައްވައެވެ.
ރައީސް މުހައްމަދު ނަޝީދު ފިކުރެއްގެ ދިރުން ފެކްޝަންގައި 12 މެންބަރުން ތިއްބަވާއިރު އިދިކޮޅު ފަރާތްތަކުން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފެކްޝަނުން ވެސް ބައިވެރިވި އެވެ.
ބުރާސްފަތި ދުވަހު ، ގުޅިފައިވާ ސިޔާސީޕާޓީތަކުން ބޭއްވި ނޫސްވެރިންނާއި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މަސައްކަތް ހުށަހަޅާފައިވާ ކަމަށެވެ. މީގެއިތުރުން، އިތުރު ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް ސަރުކާރުން ”ވިއްކާލާފައި“ވާ ކަމަށާއި އެކަމާ ގުޅޭ ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނެކަމަށެވެ. އެގޮތުން މިއަދު އޭޖީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، އަދި ފޮރިން މިނިސްޓަރު ޝާހިދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސަލީމް ވިދާޅުވިއެވެ.