English Edition
Dhivehi Edition

ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ އައްޑޫ ސިޓީގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫ ސިޓިއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އިދިކޮޅު ކޯލިޝަނުން ބޮޑު މުޒާހަރާއަށް ތައްޔާރުވަމުން އަންނައިރު، ރައީސްގެ ކެމްޕެއިން ނިންމާލާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ކުރިއަށްދާ މި ހަރަކާތުގައި ބައިވެރިވުމަށް މިރޭ 8:00 އަށް ޕީޕީއެމް އޮފީސް ކައިރިއަށް އެއްވުމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން ވަނީ އެދިފައެވެ.

ރައީސް ސޯލިހް މި މަހުގެ 13 ވަނަ ދުވަހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅާއި ދިމާކޮށްވެސް ޕީޕީއެމް އިން ވަނީ މުޒަހާރާކޮށްފައެވެ. މި ގޮތުން އެ ސިޓީގެ ހުރިހާ ރަށެއްގައި މުޒާހަރާކުރިއަށް ގެންގޮސްފައިވާއިރު. މި ކެމްޕެއިންގައި ރައީސް ވަޑައިގަންނަވާ ގިނަ ރަށްތަކުން އަންނަނީ އެ މަނިކުފާނާއި ދެކޮޅަށް މުޒާހަރާކުރަމުންނެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ހުކުމުގެ މައްސަލަ އިސްތިއުނާފުކުރުމަށް ތައްޔާރުވަމުން އަންނައިރު އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމާއެކު އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.