English Edition
Dhivehi Edition

އައްޑޫ ސިޓީ އިން މިހާތަނަށް 4765 މީހަކަށް ވެކްސިން ދެވިފައިވާ ކަމަށާއި މިއަދު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އައްޑޫގައި އުޅޭ އުމުރުން 18 އަހަރުން މަތީގެ ހައި ރިސްކު މީހުންނަށް ކަމަށްއައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ

އޭއީއެޗް އިން ބުނީ ވެކްސިން ޖެހުން ކުރިއަށްދާނީ މާދަމާ ހެނދުނު 10 އިން ފެށިގެން ހަވީރު 3 ޖެހުމާއި ހަމައަށް ކަމަށެވެ. މިގޮތުން ހިތަދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ ޝަރަފުއްދީން ސްކޫލާއި ނޫރާނީ ސްކޫލްގައެވެ. އަދި މަރަދޫ، މަރަދޫފޭދޫގައި ވެކްސިން ޖެހުން އިރުޝާދިއްޔާ ސްކޫލްގައި ކުރިއަށް ގެންދާއިރު ފޭދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ ފޭދޫ ސްކޫލްގައެވެ. އަދި ހުޅުމީދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ ސ.އަތޮޅު މަދުރަސާގައެވެ.

އައްޑޫ އިން މިހާތަނަށް 4765 މީހަކަށް ވެކްސިން ދީފައިވާއިރު އިއްޔެ އެކަނިވެސް އައްޑޫގެ 195 މީހަކަށްވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ.