ރާއްޖޭގައި ދިރިއުޅޭ ޢުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށް ފައިޒަރ ވެކްސިން ދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހުޅުވާލައިފިއެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ކުދިންނަށް ދެވޭ ފައިޒަރ ވެކްސިން ރާއްޖެއަށް މިހާރު ލިބިފައިވާ ކަމަށާއި މާލޭގެ ވެކްސިން ސެންޓަރުތަކާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ވެކްސިން ލިބެން ހުންނާނެކަމަށެވެ.
އެޗްޕީއޭ އިން ބުނެފައިވާގޮތުގައި، އުމުރުން 12 އަހަރުން މަތީގެ ކުދިންނަށްވެސް ފައިޒަރ ވެކްސިން ލިބެން ހުންނާނެ އެވެ. އެހެންކަމުން ވެކްސިންގެ ޑޯޒްތައް އަދި ބޫސްޓަރ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ޖެހުމަށް ވަނީ އަންގާފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ޢުމުރުން 5 އަހަރާއި 11 އަހަރުގެ ކުދިންނަށް ދޭ ވެކްސިން ރާއްޖެއަށް ލިބި އެވެކްސިން ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންއިން ލަފާދެއްވާފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން މިއަދުން ފެށިގެން މިވެކްސިން މިޢުމުރުފުރާގެ ކުދިންނަށް ދެވޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
އައިޖީއެމްއެޗް: ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9.000 އިން 12:00 އަށް
ހުޅުމާލެ ހޮސްޕިޓަލް: އާދިއްތަ، އަންގާރަ، ބުރާސްފަތި މެންދުރުފަހު 13:00 އިން 14:އަށް
ދަމަނަވެށި: ބަންދު ނޫން ކޮންމެ ދުވަހަކު 13:30އިން 15:00 އަށް
ފައިޒަރ ވެކްސިންގ ޖެހުމުގެ ހުއްދަ ރާއްޖޭގައި ޢުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ޢުމުރު ފުރާއަށް ދީފައިވާއިރު މިދިޔަ އަހަރުގެ އޯގަސްޓް މަހު އެމެރިކާ ސަރުކާރުންވަނީ ރާއްޖެއަށް 99000 އަށްވުރެ ގިނަ ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ. މީގެތެރޭގައި މޮޑާނާގެ އިތުރުން ފައިޒަރ ވެކްސިންވެސް ހިމެނެއެވެ.
ރާއްޖޭގައި މިހާތަނަށް 399،178 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވެއެވެ. އޭގެ ތެރެއިން 385،099 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ބޫސްޓަރ ޑޯޒްގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދަކީ 167،635 އެވެ. އަދި ބޫސްޓަރ ޑޯޒްގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ އެންމެ 1،523 މީހުންނެވެ.