English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ހައްގުގައި ބުނަން ޖެހުނު ކޮންމެ އެއްޗެއް ބުނާނެކަމަށާއި އެކަން ހުއްޓުވަން އުޅުމަކީ މޮޔަކަމެއްކަމަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހްސާން މިހެން ވިދާޅުވީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ބ. ހިބަޅިދޫން އިން ނުރައްކާތެރި ހަތިޔާރުތަކެއް ފެނުނު މައްސަލައިގައި އިހްސާން އާއި ގުޅުވައިވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މި ގޮތުން ޓުވިޓާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި އަލީ އިހްސާންގެ މެދުގެ ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާއިރު އިހްސާން ވިދާޅުވީ ހިބަޅިދޫ އަށް ހަތިޔާރު ގެންދިޔައީ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އަހުމަދު އިޝްފާހުކަމަށެވެ. މި މީހުންނަށް ކުރިން ނެރެފައިވާ އިންޓަޕޯލް ރެޑް ނޯޓިސް މިފަހުން ކެންސަލްކޮށްފައިވާކަމަށް ވިދާޅުވެ އިހްސާން ވަނީ އައްލާމް އާއި އިޝްފާހު ނިސްބަތްވާ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ހުރި މީހެއްގެ ފޮޓޯ އާންމުކޮށްފައެވެ.

މި ފޮޓޯ އާންމުކުރައްވަމުން އިހްސާން ކުރެއްވި ޓުވިޓްގައި ވަނީ ހިބަޅިދޫގައި އައްލާމް އާއި އިޝްފާހު ނިސްބަތްވާ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ހުރި މި މީހާ ހަތިޔާރުތައް ގެންގުޅެފައިވާކަމަށް ވިދާޅުވެފައެވެ. “އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު މި އެންމެން ގާޒީންނަށް ހަދައި އަޅުގަނޑު ގައްދާރަކަށް ހެދުމުން ކަމަކު ނުދާނެ” އިހްސާން ވިދާޅުވިއެވެ.

އިހުސާންގެ މި ޓްވީޓާއި ގުޅިގެން ރޮޒެއިނާ ވަނީ އައްލާމް އާއި އިޝްފާހު އަށް ހަތިޔާރު ލިބުނީ ކިހިނެއްތޯ އާއި އެއީ ބަޑި ގުދަނާއި ހަވާލުވެގެން ތިބި ދެ މީހުންތޯ ސުވާލު ކުރައްވާފައެވެ. މި ޓުވިޓަށް ރައްދު ދެއްވަމުން އިހުސާން ވަނީ އެ ދެ މީހުންނަށް މާފުދީ އިންޓަޕޯލް ރެޑް ނޯޓިސް ކެންސަލްކޮށް އިނގިރޭސިވިލާތުން ހިމާޔަތް ހޯދައިދިނުން އެ ސުވާލު ޖަވާބު ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. އެއަށް ރައްދު ދެއްވަމުން ރޮޒެއިނާ ވަނީ އެ ސުވާލުގެ ޖަވާބު އިހުސާނަށް މިހާރު ވެސް ރަނގަޅަށް އިނގޭނެ ކަމަށާއި އޭރުވެސް ހަތިޔާރޭ ކިޔަފާއި އުޅުނީ ލާރިގަނޑެއް ފޮރުވާފައި އޮތް ތަނެއް ނުހޯދިގެންކަމަށް ވިދާޅުވެފައެވެ.

ރޮޒައިނާގެ މި ޓުވިޓަށް ޖަވާބުދެއްވަމުން އިހްސާން ވިދާޅުވީ ތިމާއާއި ހިޔާލު ތަފާތުވާ މީހާއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ހަގީގަތާއި ހިލާފް ވާހަކަ ފަތުރަން ފެށުމުން ހުރިހާ އެންމެން ނުއެއް ފިލާނެކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައްގުގައި ބުނަން ޖެހުނު ކޮންމެ އެއްޗެއް ބުނާނެކަމަށާއި އެކަން ހުއްޓުވަން އުޅުމަކީ މޮޔަކަމެއްކަމަށް އިހްސާން ވިދާޅުވިއެވެ.

2015 ވަނަ އަހަރު ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލި މައްސަލާގައި ހައްޔަރުކުރި މީހުންނާއި އަދި ސަލާމަތީބާރު ތަކުގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތުތަކާއި ގުޅިގެން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ބ. ހިބަޅިދޫގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރުތަކެއްވަނީ ހޯދާފައެވެ. މި ގޮތުން އެ އޮޕަރޭޝަނުގައި ހިބަޅިދޫ އަށް ވަންނަ ނެރުން ވަންނަ ހިސާބުން ކަނޑުގެ 42 މީޓަރު އަޑިން ނެގި ހަތިޔާރުތައް ހުރީ ދަބަހަކަށް އަޅާފައެވެ. މީގެ ތެރޭގައި އޭކޭ ސީރީސްގެ ޓީ 56 ގެ ފުލް ވެޕަން ސިސްޓަމެއް ވަނީ ހޯދާފަ އެވެ. އޭގެ 7.62 މިލިމީޓަރުގެ 121 ވަޒަން ވެސް ވަނީ ހޯދާފަ އެވެ. މީގެ އިތުރުން އެމްޕީ ފައިވްގެ 5 ފުލް ސިސްޓަމަކާއި ބްރައުނިން ހައި ޕަވާ ޕިސްޓަލް އެއް ހިމެނެއެވެ. އަދި ދި ދެ ހޭންޑް ގްރަނޭޑް (އަތު ބޮމް) ފެނިފައިވާއިރު ދުރު ރޭންޖަކުން ހަމަލާދޭ ސްނައިޕާ ބަޑިއެއް ގައި ބޭނުންކުރާ ވަޒަނަކާއި ދުރުމިއެއް ވަނީ ފެނިފައެވެ.