English Edition
Dhivehi Edition
ހޯމް މިނިސްޓަރު އަލީ އިހްސާން
ސަރުކާރުގެ ނިންމުމަކީ ކުށުގެ ވެށީގައި އުޅޭ ނުވަތަ ކުށަށް އަރައިގަންނަ ކުދިންނަށް ދޭންޖެހޭ ރިހެބިލިޓޭޝަން އަދި ސައިކޮލޯޖިކަލް ފަރުވާ މަރުކަޒުކޮށް ގެންދިއުމަށް ޤާނޫނުގައި ބަޔާންކުރާ 15 އަހަރުގެ ލިމިޓް 12 އަހަރަށް ދަށް ކުރުން ކަމުގައި ޑިފެންސް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ކުށުގެ ވެށީގައި އުޅޭ ނުވަތަ ކުށަށް އަރައިގަންނަ ކުދިންނަށް ރިހެބިލިޓޭޝަން ދިނުމާ ގުޅޭ ގޮތުން އިހްސާން ވިދާޅުވީ ރާއްޖޭގައި ކުށުގެ ވެށީގައި އުޅޭ އަދި ކުށަށް އަރައިގަންނަ 12، 13 އަދި 14 އަހަރުގެ ކުދިން ނިސްބަތުން ވަރަށް ގިނަކަމަށެވެ. މީގެތެރެއިން ގިނަ ކުދިންނަކީ ހަރުދަނާ ބެލެހެޓުންތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްނުދެވޭ އާއިލާތަކުގެ ކުދިންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިކުދިންނަށް މުޖުތަމައުގައި ބައިތިއްބައިގެން ނުވަތަ އާއިލާ ކައިރީގައި ބައިތިއްބައިގެން ރިހެބިލިޓޭޓްކުރުމަކީ އެހާ ކާމިޔާބުކޮށް ކުރެވޭނެކަމެއް ކަމަކަށް ތަފާސްހިސާބުތަކުން ނުދައްކާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިކަމުގެ ނަތީޖާއަކީ މިފަދަކުދިންގެ ސަބަބުން މުޖުތަމަޢުއަށް ނުރައްކާވެ އެކުދިން ކުށްވެރިންނަށް ވެގެން ދިއުންކަމަށެވެ. އަދި އެތަކެއް މައުސޫމު ކުދިންނާއި މުޅި މުޖުތަމަޢުއަށް މީގެ ނޭދެވޭ ގިނަ އަސަރުތަކެއް ކުރާކަމަށް އިހްސާން ވިދާޅުވިއެވެ.
މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ރިހެބިލިޓޭޝަން އަދި ސައިކޮލޯޖިކަލް ފަރުވާ މަރުކަޒުތަކަށް ގެންދެވޭ އުމުރު 12 އަހަރަށް ދަށްކުރުމުން އެކަމުން ގިނަ ފައިދާތަކެއް ލިބިގެން ދާނެކަމަށް އިހްސާން ވިދާޅުވިއެވެ. މިގޮތުން ކުއްޖަކު ކުށުގެ މާހައުލަށް ހުށެހެޅި ކުށްވެރިއަކަށް ނުވަނީސް އެކުއްޖާ ކޯޓު އަމުރެއްގެ ދަށުން މަރުކަޒަކަށް ގެންދެވި ރިހެބިލިޓޭޓް ކުރެވި މުޖުތަމަޢުއަށް ބޭނުންތެރި ޒުވާނަކަށް ހެދޭނެކަމަށް އިހްސާން ވިދާޅުވިއެވެ. އަދި ހަމައެއާއެކު މިވަގުތު ކުށަށް އަރައިގަންނަ މި އުމުރުގެ ކުދިން ސަލާމަތްކުރެވި، ހިތްވަރުގަދަ، ކެރޭ، ޤައުމަށް ފައިދާހުރި ޒުވާނުންނަށް ބަދަލުކުރެވޭނެކަމަށް މިނިސްޓްރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިކަން ކުރާނީ، ދީނީ ތައުލީމާއި ތަރުބިއްޔަތު، ފިޒިކަލް ފިޓްނެސް، ރަސްމީ ތަޢުލީމު، ކޮމްޕެޓިިޓިވް ސްޕޯރޓްސް، މަސައްކަތްތެރިކަން، ޤައުމިއްޔަތު، ޕާރސަނަލައިޒްޑް ސައިކޯސޯޝަލް އިންޓަރވެނޝަން، ލީޑަރޝިޕް އަދި ޓީމް ބިލްޑިންގ ހިމެނޭ ރެޖިމެންޓެޑް ސިސްޓަމެއްގެ ތެރެއިންކަމަށެވެ. އަދި ދިގުމުއްދަތަށް މަރުކަޒަށް ގެންދެވޭ ކުދިން 18 އަހަރުވުމުން ސިފައިންގެ އަދިި ފުލުހުންގެ މުއައްސަސާގެ ޚިދުމަތަށް 3 ނުވަތަ 5 އަހަރުގެ މުއްދަތަށް ނެރެވޭނެކަމަށް އިހްސާން ވިދާޅުވިއެވެ.
ދިގުމުއްދަތަށް އަދި ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރުމަށްޓަކައި ސަރުކާރުގެ ވިސްނުމަކީ މިކަމަށް ޚާއްސަ ރަށެއް “ހޯޕް އައިލެންޑް” ކަނޑައަޅައި ތަރައްގީކޮށް މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުންކަމުގައި އިހްސާން ވިދާޅުވިއެވެ. އަދި މިރަށުގައި ޗުއްޓީ ދުވަސްވަރު އެކުދިންގެ އާއިލާ ތަކަށް ޒިޔާރަތްކުރެވި އާއިލާއާއި އެކު ގުޅުންބަދަހި ކުރެވޭނެ ފެސިލިޓީތައް ޤާމުކުރެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ޤާނޫނު އޮތްގޮތުން ކުށުގެ ވެށީގައި އުޅޭ ނުވަތަ ކުށަށް އަރައިގަންނަ ކުދިންނަށް ދޭންޖެހޭ ރިހެބިލިޓޭޝަން އަދި ސައިކޮލޯޖިކަލް ފަރުވާ މަރުކަޒުކޮށްގެން ދެވެނީ 15 އަހަރުވުމުން ކޯޓު ހުކުމެއްގެ ދަށުންނެވެ.