ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ކުރިމަތީގައި ނޫސްވެރިން މުޒާހަރާކޮށް އަޑުއުފުލައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ހިންގާ ބިއްލޫރިޖެހިގެ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ނޫސްވެރިންވަނީ އެމީހުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. މި ގޮތުން ފުލުހުން ނޫސްވެރިންނަށް ހުރަސް އަޅާ އަނިޔާވާ ގޮތަށް އަމަލު ބަހައްޓަމުންދާ ކަން ނޫސްވެރިން ފާހަގަކޮށްފައިވާއިރު ފުލުހުންގެ މިފަދަ އަމަލުތަކަށް އިންސާފު ނުލިބޭކަމަށް ނޫސްވެރިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުރިން ރާއްޖެޓީވީއަށް ހެދި ގޮތަށް ޗެނަލް13 އަށް ނުހެދުމަށާއި އެ ޗެނެލަށް ފުރައްސާރަ ކުރުން ހުއްޓާލުމަށްވެސް ނޫސްވެރިން ވަނީ ގޮވާލާފައެވެ. އަދި ނޫސްވެރިންނަށް މަސައްކަތްކުރެވޭނެ ފަހި މާހައުލަކާ އެކު ހިޔާލުފާޅުކުރުމަށް ޖާގަ ދިނުމަށް މި މުޒާހަރާގައި ނޫސްވެރިން ގޮވާލާފައިވާއިރު މުޒާހަރާގެ ބައިވެރިންނާ އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީއާއި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވަނީ ބައްދަލުކުރައްވައިފަ އެވެ.
މި ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝަހުބާން ވިދާޅުވީ ނޫސްވެރިންނަށް ދިމާވި ކަންކަމުގައި ފުލުހުންގެ އިސްވެރިންނާ މަޝްވަރާކޮށްފައިވާ ކަމަށާއި އެކަން ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި ޗެނަލް 13 ގެ ނޫސްވެރިންނަށް ދިމާވި ކަންތައް ކުށްވެރިކުރައްވަމުން ޝަހުބާން ވަނީ އެއީ އެއްވެސް ގޮތަކަށް ބަލައިނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޝަހުބާން ވަނީ ޗެނަލް 13 ގެ ނޫސްވެރިންނަށް ކުރިމަތިލާން ޖެހުނު ކަންކަމަށް އިންސާފު ނުލިބެނީސް މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަސައްކަތް ހުއްޓާ ނުލާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.