މިންތީގެ ހަމަހަމަނޫސްވެރިކަމަކަށް އަޅުގަނޑުމެން އަބަދުވެސް ގޮވާލާއިރު ރާއްޖޭގައި އަންހެނުން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ގިނަގުނަ ގޮންޖެހުންތައް އަދިވެސް ހުރިކަމީ ދެބަސްވެވެން ނެތް ޙަގީގަތެކެވެ. މީގެ 15 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ނޫސްމީޑިއާގައި އިސް ސަފުގައި މަސައްކަތް ކުރަމުން ގެންދިޔައީ މުޅިންހެން ފިރިހެނުން ނަމަވެސް ނޫސްވެރިކަމުގެ ދާއިރާގައި ފިރިހެނުންނާ އެއްހަމައެއްގައި މަސައްކަތް ކުރާ ހީވާގި އަދި ކެރޭ އަންހެން ނޫސްވެރިން މިހާރު މަދެއްނޫނެވެ. އެހެނަސް އެ މަގާމު ދިފާއުކުރުމަށް އަދި ވެސް ގިނަ ގޮންޖެހުންތަކާއި އަންހެނުންނަށް ކުރިމަތިލާން ޖެހޭކަމީ ހިތި އެހެނަސް ޙަގީގަތެވެ.
މިއަދު އަޅުގަނޑުމެން މިގެނެސް ދެނީ މިފަދަ ހިތްވަރުގަދަ އަންހެން ނޫސްވެރިއެއްގެ ވާހަކައެވެ. މިއަހަރު އިންޑިއާގެ މުމްބާއީގައި ބޭއްވި 4 ވަނަ ލާޑްލީ މީޑިއާ އެންޑް އެޑްވަޓައިޒިންގ (ޖެންޑަރ އެންޑް ސެންސިޓިވިޓީ) ގެ ސައުތު އޭޝިއާގެ ކެޓަގަރީން އެވޯޑު ހާޞިލް ކުރެއްވެވި ޒަމްޢަތު އަޙްމަދު ވަޙީދަކީ ގިނަ ބަޔަކު ދަންނަރައްޓެހި މޫނެކެވެ. ސައުތު އޭޝިއާގެ ނޫސްވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ އަންހެން ނޫސްވެރިންނަށް ޚާއްޞަ ކޮށްގެން ދެވޭ ބައިނަލް އަގުވާމީ ފެންވަރުގެ މި ޚާއްޞަ އެ ވޯޑު ޒަމްއަތަށް ލިބިފައިވަނީ އަންހެނުން ކުރިއެރުވުމަށާއި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކޮށް އަންހެނުން ކުރިއެރުވުމަށް ނޫސްވެރިއެއްގެ ގޮތުގައި ކުރެވުނު ފާހަގަކޮށްލެވޭ މަސައްކަތުގެ މައްޗަށެވެ.
ޚަބަރުކިޔުމާއި، ޚަބަރުލިޔުމުގައި 2006 ވަނަ އަހަރުން ފެށިގެން 16 އަހަރަށްވުރެ ދިގު މުއްދަތެއް މި ދާއިރާގައި ހޭދަކޮށްފައިވާ ޒަމްޢަތު އަޙްމަދު ވަޙީދަކީ ނޫސްވެރިކަމުގެ ދާއިރާގައި މެދުނުކެނޑި ދިގު މުއްދަތަކަށް ޚިދުމަތް ކުރަމުން އަންނަ ހީވާގި ނޫސްވެރިއެކެވެ. ނޫސްވެރިކަމުގައި، ޒަމްޢަތު އަޙްމަދު ވަޙީދުގެ ފާހަގަކޮށްލެވޭ އެންމެ މުހިންމު ދާއިރާތަކަކީ ޚަބަރު ކިޔުމާއި ޚަބަރު ލިޔުމެވެ. އެގޮތުން އިޖުތިމާޢީ ދާއިރާއިންނާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ގިނަ ރިޕޯޓްތަކާއި ޚަބަރުތައް ޒަމްއަތު ވަނީ ލިޔެ އަދި ހުށަހަޅާފައެވެ.
ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ 2022 ވަނަ އަހަރު ހާސިލްކޮށްފައިވާ ޒަމްޢަތު ވަނީ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގައި ނިއުސްކާސްޓަރެއްގެ މަޤާމާއި، ދިވެހިރާއްޖޭގެ އަޑުގެ ނިއުސް ޕްރޮޑިއުސަރެއްގެ މަޤާމުގެ އިތުރުން އެސިސްޓެންޓް ޖާރނަލިސްޓެއްގެ މަޤާމާއި އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރގެ މަޤާމު، އަދާކޮށްފައެވެ.
މީގެ އިތުރުން ވީމީޑިއާގެ ސީނިއަރ އެޑިޓަރގެ މަޤާމާއި ރާއްޖެ ޓީވީގެ ނިއުސް އެޑިޓަރގެ މަޤާމާއި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މީޑިއަރ އޮފިސަރގެ މަޤާމުވެސް ޒަމްއަތު ވަނީ އަދާކޮށްފައެވެ. މި މަސައްކަތާއެކު ފްރީލާންސްކޮށް ޒީޓައިމްސްގެ ލިޔުންތެރިއެއްގެ ގޮތުގައްޔާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މެގަޒިން، އައްޑަނަ މަޖައްލާއަށް ޒަމްއަތު ވަނީ މަސައްކަތް ކޮށްދީފައެވެ.
2022-2024 ޖެނުއަރީއަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރގެ މަޤާމާއި އެކްޓިންގ މެނޭޖަރގެ މަޤާމްއަދާކުރުމަށް ފަހު 2024 ޖެނުއަރީން ފެށިގެން ޒަމްއަތު ދަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްލާމިކް ސްޓޫޑިއޯގެ ސީއީއޯގެ މަޤާމް އަދާ ކުރަމުންނެވެ.
އާދައިގެ ނޫސްވެރިއެއްގެ މަގާމުން މިއަދު އާދެވިފައި ހުރި މަގާމާ ހަމައަށް ވާޞިލްވެވުމުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ފަސް ޖެހުމެއްނެތި ޒަމްއަތު ގެންދިޔައީ ދާއިރާގައި ކުރިއަށެވެ. އަދި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި، ތަފާތު ފޯރަމްތަކުގައި ބައިވެރިވެ، ނޫސްވެރިންނާއި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ނޫސްވެރިކަމާއި، ޕްރެޒެންޓިންގއާ ގުޅޭ ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދީ، ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޒަމްއަތު ވަނީ ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ކުރެވުނު އެއް މަސައްކަތެއްގެ ގޮތުގައި ދަރިވަރު ނިއުސްގެ ވުޖޫދަށް ގެނައުމަށްޓަކައި އެ ޗެނަލްގެ ހުރިހާ ޕްރެޒެންޓަރުންނަށް ޚަބަރު ކިޔާނެ ގޮތާއި ޚަބަރު ހަދާނެގޮތް ކިޔައިދީ ދެވުނު ތަމްރީނު ފާހަގަ ކޮށްލެވެއެވެ.
“މިދާއިރާގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އަންހެނަކަށްވީތީ ދިމާވި ގޮންޖެހުންތަކެއް. ޚާއްސަކޮށް މާބަނޑުވުމާއި، ވިހެއުން ވެގެންދިޔައީ އެކަމަކަށްޓަކައި ޚަބަރު ކިޔުން ހުއްޓާލަން ޖެހުނުފަދަކަމެއް. އެތައް ޒަމާނެއްވަންދެން މަސައްކަތްކުރި ނިއުސްރޫމާ ދުވަސްކޮޅަކަށް ބަދަލުވީ މާބަނޑުވުމާގުޅިގެން ދިމާވި ތަކުލީފުތަކާއި މާބަނޑުއިރު ޚަބަރުކިޔަން އުނދަގޫތަކެއް ހުރުމުން ވަގުތީގޮތުން ކަމުގައިވިޔަސް، ވިހެއުމަށްފަހު އަލުން ނިއުސްރޫމަށް ބަދަލުވާން އެދުމުން އޭރު ނިއުސްރޫމްގެ އިސްވެރިޔާ އެކަން ހުއްޓުވި. ތަނަށް ބޭނުންވަނީ ” ވަރަށް ޑެޑިކޭޓެޑް” މުވައްޒަފުންކަމަށް ވިދާޅުވި ހިސާބުން ނިއުސްރޫމުގައި އިތުރު ފުރުސަތު ނެތްކަން ގަބޫލުކުރެވުނު” އަންހެނަކަށް ވީތީވެ ދާއިރާގައި ކުރަމުން ދިޔަ މަސައްކަތްތަކަށް އެޅުނު ހުރަސްތައް ޒަމްއަތު ކިޔައިދެއްވެވިއެވެ.
އެހިސާބުން އޭރު ޒަމްއަތު ބަދަލުވެގެން ހުރި ޕްރޮގްރާމް ސެކްޝަނުން ވަކިވެ، 14 އަހަރަށްވުރެ ގިނަ އަހަރުވީ ދައުލަތުގެ މީޑިއާ ދޫކޮށް ރާއްޖޭގެ ޕްރައިވެޓް މީޑިއާއެއްކަމުގައިވާ ވީޓީވީއަށް ބަދަލުވިއެވެ.
“ވީޓީވީއަކީ އަޅުގަނޑު ޤަބޫލުކުރާގޮތުން 14 އަހަރަށްވުރެ ގިނަ ދުވަސްވީ މީޑިއާ ކެރިއަރުގައި އަޅުގަނޑަށް އެންމެ އުހަށް ދެވުނު ތަން. ވީޓީވީން އަޅުގަނޑު ބަލައިގަތީ ”އެސެޓެއްގެ” ގޮތުގައި. ދައުލަތުގެ މީޑިއާގައި ހުރިއިރު ނުލިބި ހުރި ފުރުސަތުތަކުގެ ތެރެއިން، ޕްރައިމްޓައިމް ޝޯވް ހޯސްޓްކުރުމާއި، އެ ޕްރޮގްރާމްތައް ޕްރޮޑިއުސްކުރުމާއި، ހައިޕްރޮފައިލް ބޭފުޅުންގެ އިންޓަރވިއު ނެގުންފަދަ ކަންތައްތައް ކުރުމުގައި އެއްވެސް ރެސްޓްރިކްޝަންއެއް ނެތި މަސައްކަތްކުރުމުގެ ފުރުސަތު އަޅުގަނޑަށް ފަހިވި. ކުރާ މަސައްކަތުގެ އަގުވަޒަންކޮށް މަސައްކަތާއި ތަޖުރިބާއަށް ބަލައި، ވަޒީފާގެކުރިއެރުން ދިން. ކުރިން ފޮރުވިފައި ހުރި ޒަމްޢަތު ޕަބްލިކަށް އެންމެ ބޮޑަށް އެނގެންފެށީ ވީޓީވީންކަން އަޅުގަނޑު އަބަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރަން” ޒަމްއަތު ކިޔައިދިނެވެ.
ޒަމްއަތުގެ ދަރިފުޅަށް 4 މަހުގައި ދަރިފުޅުގޮވައިގެން ކުރި ހިތްވަރާއިއެކު ވީޓީވީންވެސް ފާހަގަކުރެވޭ މޫނެއްގެ ގޮތުގައި ޒަމްޢަތު ހިމެނި، ޒަމްޢަތުގެ މަސައްކަތް ވީޓީވީގެ މެނޭޖްމަންޓާއި ޕަބްލިކުން ބަލައިގަތުން އެއީ އޭނާ އަބަދުވެސް އެކަމަށްޓަކައި ޝުކުރުވެރިވާކަމެކެވެ.
މީޑިއާގެ ދާއިރާގައި ޒަމްއަތު އެންމެ ހަރަކާތްތެރިވި ދުވަސްތަކަކީ ދަރިފުޅު ލިބުމުގެ ކުރިންކަމުގައިވިޔަސް، މިހާރު 6 އަހަރުގެ ފިރިހެން ދަރިފުޅު ލިބުނު ފަހުންވެސް ހަމައެހާ އެކްޓިވްކޮށް މީޑިއާގައި އުޅުނުކަމުގެ ހެކި ވީޓީވީން ފެންނަން އެބަހުއްޓެވެ. އަދި އެއާއިއެކު އެޗްއާރުސީއެމްގެ މީޑިއާ އޮފިސަރގެ ގޮތުގައްޔާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި މިހާރު ޒަމްއަތު ހޭދަކުރަމުންދާ ދުވަސްތަކަކީ މިފަދައިން މަސައްކަތަށް ފަރުވާތެރިކަމާއި، ހިތްވަރާއެކު މަސައްކަތްކުރަމުންދާ ދުވަސްތަކެކެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވަޒީފާއަށް ވަން އަހަރުކަމުގައިވާ 2022 އިން ފެށިގެން 2023އާ ދެމެދުގައި، ޒަމްޢަތަށް މަންމައެއްގެ ހައިސިއްޔަތުން އެތައް ގޮންޖެހުންތަކެއް ދިމާވިކަމަށް ޒަމްއަތު ކިޔައި ދިނެވެ. އެހެންނަމަވެސް އެއީ އެ ގޮންޖެހުންތަކާއިއެކުވެސް ކުރިއަށް ދިޔުމަށް ޒަމްއަތު މަސައްކަތްކުރި ދުވަސްތަކެކެވެ.
“މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ވަޒީފާ އަދާކުރަން ފެށި ހިސާބުން ދަރިފުޅުބަލިވެ، ޖުމްލަ 2 އަހަރަށްވުރެ ގިނަ ދުވަހު އެކަމުގައި އުޅެންޖެހުނު. އެ ދެއަހަރަކީ ކޮންމެ ރެއަކުހެން ހޮސްޕިޓަލުގައި، ނުވަތަ ގޭގައި ހޭލައި އިނދެފައި ވަޒީފާއަށް ދިޔަ ދެއަހަރު. އެ ދެ އަހަރަކީ ބަލި ދަރިފުޅާއެކުވެސް ދިރިއުޅުމުގައި ދިމާވި އެންމެ ގަދަ ކޮޅިގަނޑުގައި އެކަނި ހަނގުރާމަކުރަމުންދިޔަ ދުވަސްވަރު. އެ ދެ އަހަރަކީ މިކަންކަމާއިއެކުވެސް ޖަރނަލިޒަމްގެ މާސްޓަރސް ޑިގްރީ ހަދަމުން ދިޔަ ދުވަސްވަރު.” މިއީ ޒަމްޢަތު ދިރިއުޅުމުގައި ކުރި ތަޖުރިބާތަކުން މަދު ކަންތައްތަކެއް ކަމަށް ޒަމްއަތު ކިޔައިދެއްވިއެވެ.
އެންމެ ފަހުން ގިނަ ބަޔަކަށް ޒަމްއަތު ފެނިފައިވަނީ ރާއްޖޭގެ ޙައްޖުމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުން ޙައްޖު ކަވަރޭޖް ގެނެސްދިނުމުގައެވެ. އޭނާ ބުނާ ގޮތުން ޙައްޖުގެ އަޅުކަމަކީ އެކަނި އަންހެނަކަށް ކުރަން ތަކުލީފުބޮޑު އަޅުކަމެކެވެ. ޚާއްސަކޮށް މީޑިއާ ކަވަރޭޖް ދިނުމުގައި އެތަކެއް ގޮންޖެހުންތަކެއް ދިމާވިކަމަށް ޒަމްއަތު ކިޔައިދެއްވިއެވެ.
” އެ ތަޖުރިބާ ކުރުމަށް އެންމެ ބޮޑު އެއްބާރުލެއްވުމެއްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ޑެޕިއުޓީ މިނިސްޓަރ ޢަލީ އަޙްސަން. ޚާއްސަކޮށް ޢަލީ އަޙްސަން ދެއްވި ލަފައާއި އިރުޝާދު އަޅުގަނޑު ޝުކުރުވެރިކަމާއެކު މިފުރުސަތުގައި ފާހަގަކުރަން. ހަމަ އެފަދައިން އެކަން ކާމިޔާބުކުރުމަށް ޙައްޖު މިޝަންގައި ވަޑައިގެންނެވި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި މިޝަންގެ ހުރިހާ މެންބަރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަކަންވެސް ފާހަގަކުރަން. ކަވަރޭޖް ދިނުމަށް ސަޢޫދީ ޢަރަބިއްޔާގައި ހޭދަވި 45 ވަރަކަށް ދުވަހު ދަރިފުޅުގެ ކަންކަމާ ޙަވާލުވެ، މަންމަ ނެތްކަމުގެ އިޙްސާސްނުކޮށްދީ ދަރިފުޅު ބެލެހެއްޓުން އެއީ ދަރިފުޅުގެ ބައްޕައަށް ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު ޝުކުރުވެރިވާކަމެއް”
މިއަދު ކާމިޔާބު މީހެއްގެ ގޮތުގައި ޒަމްޢަތު ހިމެނުމުގެ ސިއްރަކީ، އަންހެނަކަށްވުމުން ކަންކަން ނުވާނެކަމަށް ބުނާ ބުނުން ބަދަލުކުރުމަށް ހިތްވަރާއެކު އޭނާ ކުރަމުންދާ މަސައްކަތެވެ. މި މަސައްކަތަށް ބާރުދިނުމަށްޓަކައި ލީޑަރޝިޕް ކޯޗިންގ ކޯސްހެދުމަށްފަހު އާންމުން ހޭލުންތެރިކުރުމަށް، ޚާއްސަކޮށް އަންހެނުން ބާރުވެރިކޮށް ހޭލުންތެރިކުރުމަށް އޭނާ ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.
ޒަމްއަތުގެ މެސެޖަކީ، އެކަނިވެރިމަޔަކަށްވިޔަސް، ނުވަތަ ކޮންމެ ހާލަތެއްގައި އުޅެންޖެހުނަސް، ގަދައަޅައި މަސައްކަތްކޮށްފިނަމަ ކާމިޔާބީއަކީ ވަރަށް ކައިރީގައި އޮތްކަމެއްކަމެވެ. އެކަމަށްޖެހޭނީ ކުޑަކުޑަ ހިތްވަރެއްލާށެވެ. ހިތްވަރު ހޯދުމަށްޓަކައި އަމިއްލަ ނަފްސަށް އަޅާލައި، އެމީހެއްގެ އެންމެ ޝައުގުވެރިވާ ދާއިރާތަކުން ކިޔެވުން ކުރިއަށް ގެންދިއުމަށް ޒަމްއަތު ހުރިހާ އަންހެނުންނަށް ހިތްވަރުދެއެވެ.