English Edition
Dhivehi Edition
މިދިޔަ އަހަރުގެ ލާޑްލީ އެވޯޑް ހަފްލާގެ ތެރެއިން

ސައުތު އޭޝިއާ ލާޑްލީ މީޑިއާ އެންޑް އެޑްވަޓައިޒިން އެވޯޑްސް ފޯ ޖެންޑަރ ސެންސިޓިވިޓީ (ސަލްމާގްސް) 2024 އެވޯޑްގެ ނޮމިނޭޝަނަށް ހުޅުވާލައިފިއެވެ.

މިއީ ބައިނަލްއަޤުވާމީ މީޑިއާގައި ޖެންޑަރ ސެންސިޓިވިޓީ ކުރިއެރުވުމަށް ފާއިތުވި 20 އަހަރު މަސައްކަތްކޮށްފައިވާ، މުމްބާއީގެ ޖަމުޢިއްޔާއެއް ކަމަށްވާ ޕޮޕިއުލޭޝަން ފަސްޓުން އިސްނަގައިގެން ދޭ އެވޯޑެކެވެ.

މި އެވޯޑަކީ މިންތީގެ ހަމަހަމަކަމާމެދު ޢާންމުން ދެކޭ ގޮތް ބައްޓަންކޮށް އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމުގައި މީޑިއާއިން އަދާކުރާ ރޯލު ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މިއީ މި އެވޯޑު ދޭ 4 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ދެ އަހަރު މި އެވޯޑު ދީފައިވަނީ އިންޑިއާގެ ނޫސްވެރިންނަށެވެ. ނަމަވެސް މިދިޔަ އަހަރު މި އެވޯޑުގައި އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގެ ޤައުމުތައް ކަމަށްވާ ޕާކިސްތާނާއި، އަފްޣާނިސްތާނާއި، ސްރީލަންކާއާއި، ނޭޕަލް އަދި ބަންގްލަދޭޝް، ބޫޓާން އަދި ދިވެހިރާއްޖޭގެ މީޑިއާތައް ހިމެނިފައިވެއެވެ.

މިދިޔަ އަހަރު ރާއްޖެއިން މި އެވޯޑް ހާސިލްކޮށްފައިވަނީ މިހާރު ނޫހުގެ ނޫސްވެރިޔާ، ޢާއިޝަތު ނުޒުހާ އަދި ދަ ޕްރެސްގެ ނޫސްވެރިޔާ، އާމިނަތު ޚާލިސާއެވެ.

ދެކުނު އޭޝިއާގެ ބައިން މި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާފައިވަނީ ސައުތު އޭޝިއަން ވިމެން އިން މީޑިއާ(ސްވަމް) ގެ ޖޫރީ ޕެނަލަކުންނެވެ. މި ޓީމްގައި ދިވެހިރާއްޖެ ތަމްސީލްކޮށްދެއްވާނީ ސްވަމްގެ ރާއްޖޭގެ ކައުންސިލް މެމްބަރ، އޭއޯ ނިއުސްގެ ސީ.އީ.އޯ، ޝިމްލާ އަޙުމަދެވެ.

ފާއިތުވި އަހަރުތަކުގައި ވެސް މި އެވޯޑަށް ޔޫ.އެން.އެފް.ޕީ.އޭގެ އެހީތެރިކަން ލިބިފައިވާއިރު އޭޝިއަން ފެޑެރޭޝަން އޮފް އެޑްވަޓައިޒިންގ އެސޯސިއޭޝަންސް އާއި ސައުތު އޭޝިއަން ވިމެން އިން މީޑިއާ އަކީ މިއަހަރުގެ ވެސް މި އެވޯޑުގެ ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ފަރާތްތަކެވެ.

“މި އެވޯޑުތަކުގެ މަޤްޞަދަކީ އިންޑިއާގެ ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ 15 ފަރާތަކާއި، ދެކުނު އޭޝިއާގެ ޕާކިސްތާން، އަފްޣާނިސްތާން، ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް އަދި ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭ 11 ނޫސްވެރިންނަށް ޝަރަފުވެރިކަންދީ، އެ ފަރާތްތަކުގެ އަގުވަޒަންކުރުން. އަދި ކޮންޓެންޓް ކްރިއޭޓަރުންގެ މުހިންމު ހިއްސާއެއް އަދަބާއި، އިޝްތިހާރުތަކާއި، ފިލްމްތަކުގެ އިތުރުން އޯޓީޓީ ޕްލެޓްފޯމްތަކުގައި ހިމެނޭކަން ފާހަގަކުރުމަކީވެސް މި އެވޯޑުތަކުގެ މަޤްޞަދެއް”، ޕޮޕިއުލޭޝަން ފަސްޓްގެ ސީ.އީ.އޯ، ޑރ. އޭ އެލް ޝާރަދާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އެވޯޑް ލިބުނު ފަރާތްތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން މަޢުލޫމާތާއި ވަސީލަތްތައް ހިއްސާކުރުމަށާއި، ޚިޔާލު ބަދަލުކުރުމަށާއި، މީޑިއާ އެތިކްސްއާއި ހޭލުންތެރިކަން ކުރިއެރުވުމާއި، މިންތީގެ ހަމަހަމަކަމާއި އިންސާފަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ފޯރަމެއް ކަމަށްވާ ނެޓްވޯކް އޮފް ވިމެން އިން މީޑިއާ، އިންޑިއާ (އެންޑަބްލިއުއެމްއައި) އާއި، އަންހެން ފަންނާނުންނަށް ހަމަހަމަ އަދި ރަނގަޅު މަސައްކަތްކުރާނެ މާހައުލެއް ހޯދައިދިނުމަށް މަސައްކަތްކުރާ ވިމެން އިން ސިނެމާ ކަލެކްޓިވްގެ އިތުރުން ސީރީސްއެއް ކަމަށްވާ ސްވީޓް ކާރަމް ކޮފީ އަދި ފީޗަރ ފިލްމް، ސިރްފް އޭކް ބަންދް ކާފީ ހޭ ހިމެނެއެވެ.

މިއަހަރުގެ އެވޯޑުގެ ނޮމިނޭޝަށް މިހާރު ހުޅުވާލާފައިވާއިރު އެޕްލައި ކުރުމުގެ އެންމެ ފަހު ތާރީޚަކަށް އިނީ އޮގަސްޓްމަހުގެ 15 ވަނަ ދުވަހެވެ. ރާއްޖޭގެ ނޫސްވެރިންގެ ތެރެއިން މި އެވޯޑާއި ގުޅޭ ގޮތުން މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 7782034 އަށް ގުޅުމުން މައުލޫމާތު ލިބޭނެއެވެ. އަދި ތިރީގައި މިވާ ގޫގުލް ފޯމްއިން އެވޯޑަށް އެޕްލައި ކުރެވޭނެއެވެ.

އެވޯޑް ދިނުމުގެ ހަފްލާ މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވަނީ އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައެވެ.