English Edition
Dhivehi Edition
2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަންހެނަކު ވޯޓުލަނީ - ފޮޓޯ: ހުސައިން ވަހީދު (މިހާރު)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ޙަރަކާތްތެރިވާނެ 33 ޓްރޭނަރުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް 06 މާރިޗް 2021 އިން 13 މާރިޗް 2021 އަށް ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީ.އޯ.ޓީގެ އެންމެހައި ޚަރަދުތައް ހަމަޖައްސާނީ އެ ކޮމިޝަނުންކަމަށް މި އިއުލާނުގައިވަނީ ބުނެފައެވެ.

ތަމްރީނުކުރުމުގައި އަތޮޅުތަކާއި، ސިޓީތަކުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/1000 (އެއްހާސް) ރުފިޔާގެ އުޖޫރައެއް ދެވޭނެކަމަށާއި އަދި ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމު ފުރިހަމަ ކުރުމުން -/1800 (އެއްހާސް އަށްސަތޭކަ) ގެ އުޖޫރައެއް ދެވޭނެކަމަށްވެސް އެ ކޮމިޝަނުންވަނީ ބުނެފައެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި

  1. މަސައްކަތާގުޅޭ ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުން. ނުވަތަ،
  2. ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  3. ވޭތުވެ ދިޔަ އިންތިޚާބުތަކުގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. މީގެ އިތުރުން، އިންތިޚާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނުކުރެވޭނެ ފެންވަރުހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން ހިމެނެއެވެ.

ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުގަންނައި ދިނުމުގެ ފަންނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެކަށް އީސީ އިންވަނީ ބުނެފައެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ތަމްރީން ލިބިފައިވާ ޓްރެއިނަރުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެކަމަށްވެސް އީސީ އިން ވަނީ ބުނެފައެވެ

އެ ކޮމިޝަނުން ވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެދިފައެވެ. އީމެއިލް މެދުވެރިކޮށް، އެޕްލިކޭޝަން [email protected] އަށް ހުށަހެޅުމަށްވެސް އެ ކޮމިޝަނުންވަނީ އެދިފައެވެ.