މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގިނަ އަދަދެއްގެ ބަޔަކު ވޯޓު ލާން ނުކުމެފައި ނުވަނީ, ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރާ ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވެގެން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން އާޒިމްވަނީ އެމްޑީޕީގެ މެމްބަރުން ވޯޓުލާން ނުނިކުތް ވަރަށް ގިނަ ސަބަބުތައް އެބަހުރިކަން ފާހަގަކޮށްފައެވެ. މި ގޮތުން އާޒިމް ވިދާޅުވީ އެމްޑީޕީން މީގެ ކުރިން ބުނަމުން އައީ ވައްކަން ކުރާ މީހުން ހައްޔަރުކޮށް، ވައްކަން ހުއްޓުވާނެ ވާހަކަކަމަށެވެ. އަދި ކޮރަޕްޝަން މަދުކުރުމާއި ވައްކަން ކޮށްފައި ތިބި މީހުން ހައްޔަރުކުރާ ވާހަކަ އެމްޑީޕީ އިން ދައްކާފައިވާއިރު، ވޯޓުލާން އެމްޑީޕީގެ މީހުން ނުނުކުތީ ވައްކަން ކުރާ މީހުން ހުއްޓުވޭ ވަރު މަދުވުންކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން އާޒިމް ވިދާޅުވީ އިންތިހާބުތަކާ އަޅާބަލާ އިރު، ކައުންސިލް އިންތިހާބުގައި ޕީޕީއެމް އަށް ރަނގަޅު ކާމިޔާބެއް ލިބުނުކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ޖުމްލަކޮށް ބަލާ އިރު، ނިމިދިޔަ އިންތިހާބަކީ އެމްޑީޕީއަށް ގެއްލުނު އިންތިހާބެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީއަށް ތަހުނިޔާ ކިޔުމަށްފަހު، އާޒިމްވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ސަރުކާރަށް ދިން މެސެޖަކީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަގުތުން މިނިވަން ކުރުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވާއިރު މި ވާހަކައަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ ރައްޔިތުން ވޯޓުލާން ނުނުކުމެ، ދިން މެސެޖަކީ ވައްކަން ކޮށްފައި ތިބި އިތުރު މީހުން ހައްޔަރުކުރަން ޖެހޭ ވާހަކަކަމަށެވެ. “އެހެންވީމާ މިއަދު ނުކުމެ ބުނާނެ ކަމެއް ނެތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިން މީހުން ވޯޓު ދިނީ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރާށޭ. ކުގެ އިންތިހާބުގައި ރައްޔިތުން ނުކުމެ ބުނީ ޔާމީން ދޫކޮށްލާށެކޭ ނޫން. ދޫކޮށްލާ ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވެގެން ދިވެހި ރައްޔިތުން ވޯޓުލާން ނުނުކުތީ” އާޒިމް ވިދާޅުވިއެވެ.