English Edition
Dhivehi Edition

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫއަށް ވާދަކުރާ މުހައްމަދު ޔާސީނު (ސީނު) ނަން އަނބުރާ ގެންގޮސްފިއެވެ.

ނަން އަބުރާ ގެންދިއުމަށްފަހު ޔާސީނު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުޅުދޫ ދާއިރާއަށް ކުރިމަތިލާން ނިންމީ ހުޅުދޫގެ އިޖްތިމާއީ ފޭރާން ރަނގަޅުކޮށް، ކައުންސިލްގެ ތެރެއިން މަސައްކަތްކޮށް ހުޅުދޫއަށް ބޭނުންވާ ސަމާލުކަން ހޯދައިދީ، ހުޅުދޫގެ ފަނޑުވެފައިވާ އަޑުގަދަކޮށް ހުޅުދޫ ރައްޔިތުންްނަށް ހައްގު މިންވަރު ހޯދައިދިނުމާއި އެކު ހުޅުދޫގެ ހާލަތު ބަދަލު ކުރުމުގެ ފޮނި އުއްމީދުގައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ފެބްރުއަރީ މަހުން ފެށިގެން ރާއްޖެ އާއި މުޅި ދުނިޔެއަށް ދިމާވި ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން، ލޯކަލް ކައުންސިލް އިންތިހާބު ވަނީ އަހަރަކަށް ވުރެ ބޮޑަށް ލަސްވެފައިކަމަށެވެ. އަދި މި ވޭތުވެދިޔަ އަހަރަކީ ރާއްޖެ އާއި މުޅި ދުނިޔޭގެ ހިނގުން މަޑުޖެހި އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރާއްޖޭގެ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ބަދަލުތަކެއް އައިސް ފޫނުބެދޭވަރުގެ ލޮޅުންތަކެއް ގެނުވި އަހަރެއްކަމަށެވެ.

“މި ކެމްޕޭނުގައި އަޅުގަނޑަށް ތާއިދުކޮށް މަޝްވަރާ އާއި ލަފާދެއްވާ ފަރާތްތަކުގެ އިރުޝާދަކީ މި ހައްސާސް ދަނޑިވަޅުގައި ވާދަވެރިކަން ބޮޑު މި އިންތިހާބުގައި ކުރިއަށް ދިއުމުގެ ބަދަލުގައި، ހުޅުދޫ ރައްޔިތުންނަށް ހިދުމަތްކޮށްދޭނެ އެހެނިހެން މަގުތައް ހޯދާ ކުރިއަށް ދިއުމެވެ” މި ބަޔާނުގައި ބުނެފައިވެއެވެ.

އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ މޫސާ ބުޝްރީވެސް ވަނީ އިންތިހާބު ލަސްވުމާއި ގުޅިގެން ނަން އަބުރާ ގެންގޮސްފައެވެ.