English Edition
Dhivehi Edition

ނިމިގެން މިދިޔައީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުމެވެ. މިއިންތިޚާބުގެ ކަންކަމުގައި ގިނަ ޢަދަދެއްގެ އޮފިޝަލުން ޙަރަކާތްތެރިވެފައިވާއިރު މިމަސައްކަތާއި ޙަވާލުވާ މީހުންނަށް އުޖޫރައެއްވެސް ކަނޑައެޅިފައިވެއެވެ. 18 ގަޑިއިރު މަސައްކަތްކުރާ އޮފިޝަލަކަށް 1500 ވަރަކަށް ރުފިޔާ ގެ އެލަވަންސެއް ހަމަޖެހިގެން މަސައްކަތަށް ނުކުންނަނީ ކަމުގެ ކުޑަބޮޑުމިން ރަނގަޅަށްވެސް އެނގިތިބެއެވެ.

ފަތިހުގެ މުނާޖާއާއެކު ވޯޓުލާ މަރުކަޒަށް ދިއުމަށްފަހު އެތަނުން އެމީހަކަށް ނުކުމެވޭނެ ހަމައެކަނި ބޭނުމަކީ އަމިއްލަ ވޯޓު ލާން ދާދިއުމެވެ. ކަންމިހެންހުރުމުން ވޯޓުލާ މަރުކަޒަކީ އޮފިޝަލުންގެ މުޅިދުވަސް ނުވަތަ އެއަށްވުރެވެސް ގިނަ ވަގުތު ހޭދަކުރާތަނެކެވެ.

ރާއްޖޭގައި ޢާއްމުކޮށް ވޯޓު މަރުކަޒުތައް ޤާއިމް ކުރަނީ ސްކޫލްތަކުގެ ޢިމާރާތްތަކުގައެވެ. އެހެން ތިބޭއިރު ބައެއް ތަންތާނގެ ޙާލަތު ހުންނަގޮތުން ވައި ދައުރު ވާނެ ގޮތެއް ނެތި ތަން ހޫނު ގަދަވުމާއި ޖާގައިގެ ދަތިކަމާއި އެކަށީގެންނުވާ ގޮނޑިމޭޒުގެ ދަތިކަމާއި އަލި ނުވުންފަދަކަންކަމަކީ ޢާއްމުކޮށް ދިމާވާ މައްސަލަތަކެވެ. މިފަދަ ޝަކުވާތައް ތިލަނުވާ ފަހަރެއްނާދެއެވެ.

އަޅުގަނޑުމެން ކުޑައިރު ވޯޓުލާ މަރުކަޒުތައް އައްޑޫގެ ބޮޑެތި މަގުތަކުގައި ގާއިމް ކުރެވެއެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް އޭރުހަދާ” ވޯޓިން ހަޓް ” ތައްޔާރު ކުރެވިފައި ހުންނަނީ އެއްކަހަލަ ޑިޒައިނަކަށް ހުރުމުގެ އިތުރަށް ސާފުވައި ދައުރުވާގޮތަށެވެ. ޚާއްސަކޮށް ވަކި ސްޓޭޝަނެއް ތަފާތު ކުރުމެއްނެތި އެއްހަމަޔަކުންނެވެ. އެތަންތަން މާފުރިހަމައޭ މިއަދު ހިތަށްމިއެރީ ސަބަބުތަކެއް އޮތީމައެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައިރު ހިތަދޫ އެހެނިހެން ދާއިރާގެ ވޯޓު މަރުކަޒުގެ އޮފިޝަލުންތަކެއް ޙަރަކާތްތެރިވަނީ

މިއަދުގެ ޕޯލިން ސްޓޭޝަން ހުންނަނީ ކިތައްމެ ރީތި ޢިމާރާތްތަކެއްގައި ކަމަށްވިޔަސް އެތަންތާ ހުރި ދަތިތައް ޙައްލުނުކޮށް ވޯޓުލުން ފެށުމަކީ ބަޔަކަށްދެވޭ އަނިޔާއެކެވެ.އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ތައްޔާރުވުމުގެ ތެރޭ ވޯޓުލާ މަރުކަޒު ހުންނަ ތަންތަނުގެ ސާވޭ ފުރިހަމަ ކުރަނީ ކިހިނެއްބާއޭ އަޅުގަނޑުގެ ހިތަށްއަރައެވެ. މިފަހަރުގެ ވޯޓުލުމުގެ ތެރޭ ފާހަގަ ކުރެވުނު ކަމެއް ޙިއްސާ ކޮށްލާނަމެވެ. އައްޑޫސިޓީ ހިތަދޫގެ 3 ވޯޓުފޮއްޓެއް ޝަރަފުއްދީން ސްކޫލްގައިވެސް ބެހެއްޓުނެވެ. އޭގެތެރެއިން ރަސްގެދަރަށް ޚާއްސަ 2 ފޮށި ހޯލްގައި ބަހައްޓާފައިވާއިރު އެންމެންވެސް ލޭބަލްކުރާ އެންމެ މަސައްކަތްބޮޑު “އެހެނިހެންދާއިރާގެ” ފޮށި ހުރީ އެސްކޫލް ގްރޭޑް 1 ގެ ކްލާސްރޫމްގައެވެ. ޝަރަފުއްދީން ސްކޫލްގެ ޒަމާނީ ފެންވަރުގެ ރީތި ބޮޑު ހޯލް ޢިމާރާތުގެ ތެރޭ ބެހެއްޓި 2 ފޮށީގެ އޮފިޝަލުން ފިނިކޮޓަރީގައި އަރާމު މާޙައުލުގައި ތިބެ ވޯޓުލުމުގެ ހުރިހާ ކަމެއް ގައި ޙަރަކާތްތެރިވިއިރު ހަމައެސްކޫލްގައި ހުރި އެހެނިހެން ދާއިރާގެ އޮފިޝަލުން، ދިލަހޫނުގައި ތުއްތު ކުދިން ކިޔަވާ ތިރިމޭޒުކައިރީ ގުދާރު ބިދެންދެން މަސައްކަތުގައި ތިބިތަން ފެނުނެވެ. މިޝަކުވާތަކާ ގުޅިގެން ފޯކަލްޕޮއިންޓުން ދިން ޖަވާބަކީ އެޗްޕީއޭގެ ގަވާއިދާއި އެއްގޮތަށް ކޮންމެ ފޮއްޓަކަށްވެސް ތަނަވަސް ޖާގައެއް ބޭނުންވާތީ އެގޮތަށް މާކުރިން ހަމަޖައްސާނިންމާފައިވާކަމަށެވެ. އެސްކޫލް ހޯލުގެ ސްޓޭޖަކީވެސް އެހާ ތަނަވަސްތަނަކަށްވާއިރު އެތަންވެސް ހުރީ ހުހަށެވެ. ޖާގަބޮޑުތަނެއް ވޯޓުލާން ދޭންޖެހޭއިރު އެހެނިހެން ދާއިރާގެ ފޮށި ހުރީ އެންމެ އާދައިގެ ކުޑަ ކްލާސްރޫމެއްގައެވެ. އެކްލާސްރޫމް ވަރުގެ 6 ކްލާސްރޫމްވެސް ހޯލުންނެގިދާނެއެވެ.

ވޯޓުގުނަން ގްރޭޑް 1 ގެ ދަރިވަރުން ބޭނުންކުރާ ތިރި މޭޒު ބޭނުންކުރަން ޖެހުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫނެވެ. މިފަދަ ޙާލެއްގައި އެވޯޓު ފޮށީގެ މަސައްކަތް ޖެހިގެން އައި ދުވަހުގެ މެންދުރާއި ހަމަޔަށް ކުރިއަށް ގެންގޮސް ނިންމިފަހުން އުސްމޭޒު ހުންނާނެ ވާހަކަ ކަމާއިގުޅޭ އިދާރާއިން ހާމަކުރިއަސް އެއީ ބުރަދަނެއް ހުރިވާހަކައެއްނޫނެވެ. ކޮމިޝަނުގެ މުވައްޒަފުންނާއި އޮފިޝަލުންނަށް ވޯޓުލާ މަރުކަޒުތަކަށް ވަދެވެއެވެ. އެ ދާއިރާގެ މަރުކަޒުވެސް ހުރީ ހާމައަށް ފެންނާށެވެ.

މިފަދަ ކުދިކުދި ކަންކަން މިހާރު ޙައްލުކުރެވެން ވާނެއެވެ. އިހުމާލު ވުމާއި ބަލަން ޖެހޭ މިންވަރަށް ނުބެލުމުގެ ސަބަބުން ކަންކަމަށާއި މީހުންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަކީ މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމަށްޓަކައިވެސް މުހިއްމު ކަމެކެވެ. ހާސަރަކަށް ވިޔަސް މިވާހަކަތައް މިއަދު ދައްކަން ވެއްޖެއެވެ. ދެން އަންނަ އިންތިޚާބަކާ އެކުވެސް ކަންކަން ރަނގަޅުވެގެންދާނީ ކުރެވޭ ކުށްތައް މިއަދު ވަޒަންކުރެވިގެންނެވެ.