އައްޑޫ ސިޓީގައި ތެލުގެ ރިޒާވެއް ގާއިމު ކުރައްވާނެކަމަށް އައްޑޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 1 މުޙައްމަދު ލަތީފު(ލަތީބެ) ވިދާޅުވެއެޖެ އެވެ.
ލަތީބެގެ ކެމްޕޭން މީޑިއާ ޓީމުން ފޭސްބުކް މެދުވެރިކޮށް ގެނެސްދޭ “ރައްޔަތުންގެ ސުވާލަ ލަތީބެއަށް” ޝޯވގައި ރައްޔިތަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުން ލަތީބެ ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓުގެ އަގުހެޔޮކުރުމަށް އައްޑޫ ސިޓީގައި ތެލުގެ ރިޒާވެއް ގާއިމު ކުރުމަށް އައްޑޫ ސިޓީގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތެލުގެ ރިޒާވެއް ގާއިމުވެފައި ހުންނަން ޖެހޭ ކަމަށެވެ.
“މަގޭ މޭޔަރު ކަމުގައި އަނެއްކާވެސް އައްޑޫގައި ތެލުގެ ބޮޑު ރިޒާވެއް ގާއިމު ކުރާނަން. މަދުވެގެން އެއް އަހަރު ނުވަދަ ދެއަހަރު ދުވަހުގެ ތެޔޮރައްކާ ކުރެވޭނެ ސްޓޯރޭޖެއް ގާއިމު ކުރާނަން. އޭގެ ސަބަބުން އައްޑޫ ރައްޔިތުންނަށް މިހާރު ފޯރުކޮށްދެވޭ ކަރަންޓުގެ އަގު ބޮޑުތަނުން ހެޔޮވެގެން ދާނެ. އޭރުން ހެޔޮއަގުގައި މަސްވެރިންނަށްވެސް ތެޔޮގަންނަން ލިބޭނެ. އަދި ވެހިކަލް ތަކަށް ބޭނުންވާ ހުރިހާ ތެލެއް އަގުހެޔޮވެގެންދާނެ.” ލަތީފު ވިދާޅުވި އެވެ.
އެ ޝޯވ ގައި ލަތީބެ ވިދާޅުވީ، އައްޑޫ ސިޓީއަކީ މީގެ ސާޅީސް ފަސްވަރަކަށް އަހަރުކުރިން މިހުރިހާ ޚިދުމަތެއް ލިބެން އޮތް ތަނެއްކަމަށާއި، ނަމަވެސް އެކި ސަރުކާރު ތަކުން އައްޑޫ ސިޓީއަށް އިހުމާލު ވެފައިވާ ކަމަށެވެ. މީގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވެފައި ކަމަށް ލަތީފު ވިދާޅުވި އެވެ. ލަތީފް އިތުރަށް ވިދާޅުވީ، އައްޑޫގައި ތެލުގެ ބޮޑު ސްޓޯރޭޖެއް ބެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުމަކީ އެއްވެސް ހާލެއްގައި އެހާ އުނދަގޫ ކަމެއް ނޫންކަމަށާއި އެކަން ކުރާނެ މީހުން މިހާރުވެސް އެބަތިބި ކަމަށެވެ..
“މިއީ، އެއްވެސް ޙާލެއްގައި ނުކުރެވޭނެ ކަމެއްނޫން. މިކަންތައް ވިޔަފާރީގެ އުސޫލުން ކުރުމަށް މިހާރުވެސް ކުންފުނި ތަކުން ތިބީ ތައްޔާރަށް. އެ މީހުންނާއި ގާތް ގުޅުމެއްވެސް އެބައޮތް. އަޅުގަނޑުގެ މޭޔަރުކަމުގައި މިކަން ކުރަން މައި ސަރުކާރުން ފައިސާ ނުހޯދާނަން. އެކަން ކުރާނީ ސީދާ ސިޓީ ކައުންސިލުން. އެކަމުގެ ގާބިލުކަމާއި ވިސްނުމާއި އަދި ކުރުމުގެ ތަޖުރިބާވެސް އަހަރެންގެ އެބަހުރި” ލަތީފު ވިދާޅުވި އެވެ.
ލަތީފުގެ ތަސައްވަރަކީ ސީދާ އައްޑޫ ސިޓީއަށް ތެޔޮއެތެރެކޮށް ރައްކާކޮށްރާއްޖޭގެ އެހެން ކަންކޮޅުތަކަށްވެސް ހެޔޮއަގުގައި ތެޔޮސަޕްލައި ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމެވެ. ލަތީފުގެ ތަސައްވަރަކީ އައްޑޫ ސިޓީއަކީ ރާއްޖޭގެ ނަންބަރު 1 ސިޓީއަށް ހެދުމެވެ. ލަތީފު އަންނަނީ އެކަމުގެ ތަސައްވަރު ވަރަށް ރަނގަޅަށް ހާމަ ކުރަމުންނެވެ. ކުރިމަތިލައްވާ ފައިވާ 3 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ހަރުދަނާ ސިޔާސަތެއް މިއަދާއި ހަމަޔަށް ރައްޔިތުންނާ ހަމަޔަށް ހާމަ ކުރަމުން ގެންދަވަނީ ލަތީފު ކަން ފާހަގަ ކޮށްލެވެއެވެ. އަދި އިގްތިސާދީ ގޮތުން އައްޑޫ ސިޓީއަށް ތަރައްގީ ގެންނާނެ ޕްލޭން ތަކާއެކު އޭގެ ފުރިހަމަ ތަސައްވަރެއް އޮތީވެސް ލަތީފުގެ ކިބައިގައިކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އައްޑޫ ސިޓީގައި އިނގިރޭސިން އުޅުނު ދުވަސްވަރު ތެލުގެ ވަރަށް ބޮޑު ރިޒާވެއް އައްޑޫގައި ގާއިމު ކުރެވިފައި ހުއްޓެވެ. ނަމަވެސް ގަމުން އިނގިރޭސިން ފޭބުމާއެކު ތެޔޮރައްކާ ކުރުމަށް ތައްޔާރު ކުރެވުނު ތަންތަނުގެ ބޭނުން ނުކޮށް އަދި ތެލުގެ ރިޒާވް ބެހެއްޓުމަށް ބެހެއްޓިފައިވާ ހުރި ބޮޑެތި ތާނގީތައް ދިވެހި ސަރުކާރުންވާނީ މާލެ ގެނެސް މާލޭގެ ރިޒާވު ބޮޑުކޮށްފައެވެ. އޭގެ ސަބަބުން އައްޑޫގައި ތެލުގެ އެހާބޮޑު ރިޒާވެއް ބެހެއްޓޭނެ ސްޓޯރޭޖް ތާނގީތަކެއް މިހާރަކު ނެތެވެ. ނަމަވެސް ދުނިޔޭގެ މާކެޓައް އަންނަ ބަދަލާއި އަދި މިހާރު ދުނިޔެއަށް މެދުވެރި ވެފައިމިވާ ފަދަ ޕެންޑަމިކެއް އަންނަ ކޮންމެ ދަނޑިވަޅެއްގައި ތެލުގެ އަގަށް އަންނަ ބަދަލާއި އެކު ކަރަންޓުގެ އަގުބޮޑުވެއެވެ. އަދި ތަކެތީގެ އަގުވެސް އުފުލޭކަމީ ހަގީގަތަކެވެ.