English Edition
Dhivehi Edition

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ މޭޔަރުކަމަށް 1 ނަންބަރު ކެންޑިޑޭޓްގެ ގޮތުގައި ވާދާކުރައްވާ މުޙައްމަދު ލަތީފު އައްޑޫ ސިޓީގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށް ހާމަކުރާ ތަސައްވަރުގެ ތެރެއިން އައްޑޫ ސިޓީގައި ފަތުރުވެރި ކަމުގެ ސިނާއަތު ތަރައްގީ ކުރާނީ ވަކި މަންޒިލެއްގެ ގޮތުގައި ކަމަށް ވިދާޅުވެއްޖެ އެވެ.

ލަތީފު ޚާއްސަ ކެމްޕެއިން ފޭސްބްކް “ގުޑްމޯނިންގ އައްޑޫސިޓީ” ލައިވް ޝޯގައި ވިދާޅުވީ އައްޑޫ އަކީ މޯލްޑިވްސް ބެނާގައި ފަތުރުވެރިކަން މާކެޓް ކުރުމަށް ފުރުސަތު ކުޑަތަނެއް ކަމަށާއި އެހެން ނަމަވެސް ވަކި ޑެސްޓިނޭޝަނެއްގެ ގޮތުން މުޅިން ތަފާތު ކޮންސެޕްޓަކާއި އެކު ވަކި ބްރޭންޑެއްގެ ގޮތުގައި އައްޑޫގެ ފަތުރުވެރިކަން ތަރައްގީ ކުރައްވާނެ ކަށެވެ. އެހިސާބުން އައްޑޫ އަކީ ދުނިޔޭގެ ގުނާލެވޭ މަންޒިލަކަށް ވެގެންދާނެ ކަމަށެވެ.

އައްޑޫ އަކީ ވަރަށް ރީތި ތަނެއް. މޯލްޑިވްސްއެއް ނޫން މިއީ. އަޅުގަނޑުމެން އައްޑޫ ބްރޭންޑް ކުރާނީ މުޅިން ތަފާތު ތަނެއްގެ ގޮތުގަ. ވަކި ޑެސްޓިނޭޝަނެއް މިއީ. މާކެޓްވެސް ކުރާނީ މިގޮތަށް. މިކަން ކުރުމުގެ ގާބިލުކަން އެބަހުރި. ހުނަރާއި ތަޢުލީމުވެސް އެބަހުރި.އެހިސާބުން އައްޑޫ ހިމެނިގެންދާނީ ދުނިޔޭގެ ގުނާލެވޭ ވަރުގަދަ ޑެސްޓިނޭޝަނަކަށް” ލަތީފު ވިދާޅުވިއެވެ.

އައްޑޫގައި އެންމެ ފުރަތަމަވެސް އިތުރު 4 ރިސޯޓު، ފަޅު ހިއްކައިގެން ހަދަން ޖެހޭ ކަމަށް ލަތީފު ވިދާޅު ވިއެވެ. ލަތީފު ވިދާޅުވީ ފަޅުހިއްކައިގެން ރިސޯޓްހަދަން މިހާރުވެސް އިންވެސްޓަރުން އެބަތިބި ކަމަށެވެ. މޭޔަރު ކަމުގެ ފުރަތަމަ އަހަރު މިކަންކަން ހަމަޖައްސާ ގިނަވެގެން ލަތީފުގެ މޭޔަރު ކަމުގެ 3 ވަނަ އަހަރުގައި އެރިސޯޓުތައް ހުޅުވުމުގެ ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރިސޯޓުތައް ހުޅުވުމުން އައްޑޫއަށް އިތުރު 1000 ވަޒީފާ އުފެދިގެން ދާނެއެވެ. “އަޅުގަނޑުގެ ހުރިހާވެސް ކަމަކީ އައްޑޫގެ ހުރިހާ އުމުރު ފުރާއެއްގެ އެންމެނަށް ވަޒީފާގެ ފުރުސަތު ހޯދާދިނުން. މި މުޙައްމަދު ލަތީފުގެ މޭޔަރު ކަމުގައި 24 ގަޑިއިރު ހޭދަކުރާނީ އިގްތިސާދީ ފުދުން ތެރިކަން އިތުރުކޮށް އައްޑޫއަށް ވަންނަ ފައިސާ އިތުރު ކުރުން. ހުޅުވޭ ރިސޯޓު ތަކުން 1000 ވަޒީފާ އިތުރުވުމުން އައްޑޫ ސިޓީގެ އިގްތިސާދަށް ގާތްގަނޑަކަށް ނުވަވަރަކަށް މިލިޔަން ރުފިޔާ ވާންނާނެ. މިއީ އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްގީ. މިކަން ކުރެވޭނީ ތަސައްވަރެއް އޮވެގެން. އެތަސައްވަރު އޮތީ މި މުޙައްމަދު ލަތީފުގެ މި ސިކުނޑީގަ. މިކަން ކުރާނަން. އައްޑޫ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނަން.” ލަތީފު ވިދާޅު ވިއެވެ.

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ޝަންގްރިއްލާ އަދި ހެރެތެރެ ރިސޯޓު މިވަގުތު ވަނީ ބަންދުކޮށްފައެވެ. ލަތީފު ވިދާޅުވީ މިތަންތަން ބަންދު ކުރުމުގެ ސަބަބުން އައްޑޫ ސިޓީގެ ގާތްގަނޑަކަށް 800 ވަރަކަށް ޒުވާނުންގެ ވަޒީފާ ގެއްލި ވަރަށް ނިކަމެތި ވެފައިވާ ކަމަށެވެ. “މިއީ ވަރަށް ދެރަކަމެއް. އައްޑޫގެ ޒުވާނުން މިހާރު ތިބީ ވަރަށް ހާލުގަ. މުސާރައެއް ނުލިބޭ. މިއީ ބަޔަކު މިކަމަށް އިހުމާލު ވުމުގެ ސަބަބުން މެދުވެރިވެފައިވާ ކަމެއް. ސިޓީ ކައުންސިލުން މިކަމުގެ ތެރެއަށް ވަންނަން ޖެހޭ. އެކުދިންގެ ޙައްގު ހޯދާ ދޭންޖެހޭ. މިއީ މޭޔަރުގެ ޒިއްމާއެއް. އަޅުގަނޑުގެ މޭޔަރު ކަމުގެ ފުރަތަމަ ތިންމަސް ތެރޭ މިކަން ހަމަޖައްސާ އެޒުވާނުންނަށް ގެއްލިފައިވާ ވަޒީފާ ހޯދައި ދޭނަން. ނިކަމެތި ކަމަށް ނިމުމަށް ގެނެސްދޭނަން” ލަތީފު ވިދާޅުވިއެވެ.

ލަތީފު އިތުރަށް ވިދާޅުވީ، އައްޑޫގެ ޒުވާނުންނަށް ނިކަމެތިކަން ލިބޭއިރު ލަތީފުގެ މޭޔަރު ކަމުގައި މަންޒަރު ބަލަން ނުހުންނާނެ ކަމަށެވެ. އެއީ މޭޔަރު އެކަމުގެ ތެރެއަށް ވަދެ ރައްޔިތުންގެ ހައްގުގައި ޙައްލު ކޮށްދޭން ޖެހޭ ކަމެއް ކަމަކެވެ. އެދެ ރިސޯޓު ހިންގާ މެނޭޖްމަންޓާއި ވާހަކަ ދައްކާނެ ކަމަށާއި އެތަންތަން ހުޅުވުމަށް ދޭނީ 3 މަސް ދުވަހުގެ މުހުލަތެއް ކަމަށް ލަތީފު ވިދާޅުވިއެވެ. “އެމީހުން 3 މަސްތެރޭ ރިސޯޓް ހުޅުވާ އައްޑޫގެ ޒުވާނުންގެ ވަޒީފާ އިއާދަ ކޮށްދޭން ޖެހޭނެ. އެހެން ނޫންކަމަށްވާނަމަ ރިސޯޓުތައްރައްޔިތުންނާއި ހަވާލުކުރަން ޖެހޭނެ. އައްޑޫ މީހުންނަށް ރިސޯޓް ހިންގަން އެނގޭ. ބޭރުން މީހުން ގެންނާކަށް ނުޖެހޭނެ. އަޅުގަނޑުމެން އެތަންތަން ހިންގާނީ ފުލް އޮކިއުޕެންސީގައި” ލަތީފު ވިދާޅުވިއެވެ.

ލަތީފު އައްޑޫ ރައްޔިތުންގެ ކިބައިން އެދެނީ މިތަސައްވަރުތައް ހަގީގަތަކަށް ހެދުމަށް 10 އެޕްރީލް 2021 ވާ ހޮނިހިރު ދުވަހު ހުރިހާ އައްޑޫ ރައްޔިތުން ނިކުމެ ވޯޓު ފޮށިތައް ފުރާލާ އައްޑޫ ސިޓީގެ މޭޔަރު ކަމަށް އޭނާ ހޮއްވަވާ ދެއްވުމެވެ. ލަތީފު ބޭނުންވަނީ ހަމަ އެންމެ ދައުރެކެވެ. މުޅި އައްޑޫގެ ހުރިހާ ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދުމަށް ލަތީފު ހުރީ ފިސާރި ކެރިކެން ކަމަރު ބަނދެގެނެނެވެ. މިކަން ވާނެ މީހަކީ ލަތީފު އެވެ. އެވަރުގެ ތަސައްވަރެއް ހާމަ ކުރާ ހަމަ އެކަނި ކެންޑިޑޭޓަކީ ލަތީފުއެވެ.