ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އޭނާގެ ޗުއްޓީ ކުރުކޮށްލުމަށްފަހު އެބުރި އިންޑިއާއަށް ގޮސްފިއެވެ.
އާލިއާ ޗުއްޓީކުރުކޮށްލުމަށްފަހު އެބުރި އިންޑިއާއަށް ގޮސްފައިވަނީ އޭނާގެ ލޯބިވެރިޔާ އަދި މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރުގެ ބޮޑުބޭބެ އަދި އެކްޓަރު ރާޖީވް ކަޕޫރު މަރުވުމާއި ގުޅިގެންނެވެ. ރާމް ތެރީ ގަންގާ މޭލީ އާއި އެކް ޖާންހޭ ހަމް ފަދަ ފިލްމުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ރާޖީވް މަރުވީ އަންގާރަ ދުވަހު ހާޓް އެޓޭކެއް ޖެހިގެންނެވެ. ރިޕޯޓްތަށް ބުނާގޮތުގައި، ހާޓްއެޓޭކެއް ޖެހިގެން ރާޖީވް ގެ ބޭބެ ރަންދީރު އޭނާ ގޮވައިގެން އިންލަކްސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.
58 އަހަރުގެ ރާޖީވްގެ ކުއްލި މަރާއެކު އޭނާގެ އާއިލާ އާއި ބޮލީވުޑަށްވެސް ބޮޑު ހިތާމައެއް ލިބިގެންދިޔައިރު އެ ހިތާމައިގައި ބޮލީވުޑްގެ ގިނަ ފަންނާނުން އަންނަނީ ބައިވެރިވަމުންނެވެ. ރާޖިވްގެ ކުއްލި މަރާއެކު ޝެވަލް ބްލޭންކް ރަންދެލި ރިސޯޓްގައި އެކުވެރިންނާއެކު ޗުއްޓީ ހޭދަކުރަމުން ދިޔަ އާލިއާވެސް ޗުއްޓީކުރުކޮށްލުމަށްފަހު މިއަދު ހެނދުނު އިންޑިއާއަށް ގޮސްފައިވާއިރު ރިޕޯޓްތައް ބުނާ ގޮތުން ރާޖިވްއަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް އާލިއާވަނީ ރާޖިވްގެ ގެއަށް ގޮސްފައެވެ، ރަންބީރާއި އާލިއާގެ ކައިވެނި މިއަހަރު ކުރަން ނިންމާފައިވާއިރު އެ ދެ ތަރިންގެ ކައިވެނި ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު މަރާއި ގުޅިގެން ފަސްކޮށްލާފައިވާއިރު އަނެއްކާވެސް އެކައިވެނި ފަސްކުރަންޖެހިދާނެކަމަށް ރިޕޯޓްތައްވަނީ ބުނެފައެވެ.
ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް، ރާޖް ކަޕޫރް އާއި ކްރިޝްނާ ރާޖް ކަޕޫރްގެ ކައިވެންޏަށް ރިޝީ ކަޕޫރް، ރަންދީރް ކަޕޫރް، ރާޖިވް ކަޕޫރް، ރީތޫ ކަޕޫރް އަދި ރީމާ ކަޕޫރް ލިބިފައިވާއިރު މި ފާއިތުވި އަހަރެއް ދުވަހުގެ ތެރޭގައި ކަޕޫރު އާއިލާއިގެ ތިން މެމްބަރުންވަނީ ވަރަށް ކައިރިކައިރީގައި މަރުވެފައެވެ.މި ގޮތުން މިދިޔަ އަހަރުގެ އެޕްރީލް 30 ވަނަ ދުވަހު އެ އާއިލާއިން ރިޝީ ކަޕޫރް މަރުވިއިރު ރާޖީވްގެ ދައްތަ ރީތޫ ނަންތާ މަރުވީ މިދިޔަ އަހަރު ޑިސެމްބަރު މަހުގައެވެ.