ބޮލީވުޑްގެ މިހާރު އެންމެ މަގްބޫލު ދެމަފިރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ އާވީޑިއޯ އިން ފެންނަ މަންޒަރަކުން އަނެއްކާވެސް އާންމުންގެ ފާޑުކިޔުންތައް ރަންބީރަށް އަމާޒު ވެއްޖެއެވެ.
ރަންބީރާއި އާލިއާގެ ސަޕޯޓަރުން މިފަހަރު ރުޅި އައީ އާލިއާ ރަންބީރުގެ އިސްތަށިގަނޑު ރީތި ކޮށްދޭން މަސައްކަތް ކުރުމުން ރަންބީރު އެކަން ހުއްޓުވާ މަންޒަރު ފެނިގެންނެވެ.
ސިނަމާތަކުގައި މިހާރު އެންމެ ވިދަމުން އަންނަ ރަންބީރު އެންމެ ފަހުން ކުޅުނު ފިލްމް “ބްރަހްމަސްޓްރާ” ގެ ކާމިޔާބީ ފާހަގަ ކުރުމަށް ދަރްމާ އޮފީސްކައިރީގައި މި ދެތަރިން ކެމެރާ ކުރިމައްޗަށް ހުއްޓި އާލިއާ ދެފަހަރެއްގެ މަތިން ރަންބީރުގެ އިސްތަށިގަނޑު ރީތިކޮށްދޭން މަސައްކަތް ކުރާތަން ފެނެއެވެ. ނަމަވެސް ރަންބީރު ހިތްހަމަ ނުޖެހި ހުރި ފާޑަކަށް އެކަން ހުއްޓުވައެވެ.
މިމަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި ދައުރު ވުމާއެކު އެތައް ބަޔަކުދަނީ ރަންބީރުގެ އެ އަމަލަކީ މާބަނޑުވެ އިން އަނބިމީހާ ލަދު ގަންނަވާލާ ކަހަލަ އަމަލެއް ކަމަށް ބުނެ ކޮމެންޓް ކުރަމުންނެވެ. އިތުރު ބައެއް ފޭނުން ބުނަމުންދަނީ ރަންބީރުގެ އެ އަމަލަކީ އޭނަގެ ރުންކުރު ކަން އަދި އަނބިމީހާ އަށް އަޅާނުލާ ކަން ދައްކުވައިދޭ މަންޒަރެއް ކަމަށެވެ.
މީގެ ދެމަސް ކުރިން ވެސް އާލިއާ ބަޓްއަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް، ރަންބީރް ކަޕޫރް ދިޔައިރު މަސްތުގެ ހާލަތުގައި ހުރި ކަމަށް ބުނެ އާންމުންގެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވިއެވެ. އެއާޕޯޓުގެ ބޭރުން ކާރުގައި މަޑުކޮށްލައިގެން ހުއްޓައި ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކުގައި ރަންބީރުގެ ލޯ ހުރިގޮތުން އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ގިނަ ބަޔަކު އޭރު ބުނެފައިވެއެވެ.
“ބްރަހަމަސްތުރާ” ޕްރޮމޯޓް ކުރުމަށް ދެ ތަރިން ވެސް ދަނީ މިހާރު ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
އާލިއާ ބަނޑު ބޮޑުކަން އިއުލާން ކުރީ އޭނާގެ ފިރިމީހާ ރަންބީރް ކަޕޫރްއާއި އެކުގައި ހޮސްޕިޓަލްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ. އާލިއާ ވިހާނެކަމަށް ބުނެ އެއްވެސް ތާރީހެއް މިހާތަނަށް މީޑިއާ އަށް ހާމަކޮށްފައި ނުވެއެވެ. ބެލެވޭ ގޮތުގައި މިހާރު އާލިއާގެ ބަނޑަށް 5މަސް ވެދާނެއެވެ.