English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި، ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ފޮޓޯ އަށް ރަންބީރުގެ ކުރީގެ ދެލޯބިވެރިން، މަރުހަބާގެ މެސެޖް ކުރުމުން ފޭނުން މި ދެތަރިންނަށް މަލާމާތް ކޮށްފިއެވެ.

ރަންބީރުގެ ކުރީގެ ދެލޯބިވެރިން އެދެމަފިރިންނަށް މަރުހަބާކިޔާ މަންޒަރު ބަލަން ފާރައަށް ތިބި ތިބުން ނިމުމަކަށް އައީ ކެޓްރީނާއާއި ޑިޕިކާ ޕަޑުކޯން، އާލިއާގެ އިންސްޓަގްރާމް ފޮޓޯގެ ދަށަށް ކޮމެންޓް ކުރުމުންނެވެ. އެހާހިސާބުން ފޭނުން އެ ފުރުސަތުގެ ބޭނުން ހިފާލީ އެދެމީހުންނަށް މަލާމާތްކޮށް ދިމާކޮށްފައެވެ. ފޭނަކު ކޮމެންޓް ކުރަމުން ބުނެފައިވަނީ “ލޯބި އެހެން މީހަކު ޖަހައިގެން ގޮސްފި” ކަމަށެވެ. އަދި “އާލިއާ ދިރިއުޅެނީ ތިމީހުން ދެކެމުން އައި ހުވަފެނުގައި” ކަމަށާއި “ތިދެމީހުންނަށް ކަންތައް ދިމާވިގޮތުން ދެރަވޭ” މިފަދަ އެތައް ކޮމެންޓެއް ކޮށްފައިވެއެވެ.

ކޮމެންޓް ކުރި މީހުންނާ ދެކޮޅަށް ބައެއް މީހުން ބުނެފައިވަނީ ދީޕިކާއާއި ކެޓްރީނާ އެމީހުންގެ ހަޔާތުގައި ދިމާވި ހަގީގީ ލޯބިވެރިޔާ އާއި ކައިވެނިކޮށް އުފަލުގައި ދިރިއުޅެމުން އަންނަ ކަމަށެވެ. އެހެންކަމުން މި ދެމީހުން ރަންބީރުގެ ކައިވެނި ކުރެވުމުން އެކަމާ ހަސަދަ ވެރިވާން ޖެހޭއެއްވެސް ސަބަބެއް ނޯންނާނެކަމަށެވެ.

މި މަހުގެ 14 ވަނަ ދުވަހު ބޭއްވި މި ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ މުމްބާއީގެ ޕަލީ ހިލްސްގައި ހުންނަ ރަންބީރުގެ ވާސްތޫ އެޕާޓްމަންޓްގަ އެވެ. އާލިއާގެ ވަރަށް ގާތް އެކުވެރިންގެ އިތުރުން މި ކައިވެނީގެ ހަފްލާއަށް ދައުވަތު ދީފައިވަނީ 28ގެސްޓުންނަށް ކަމަށްވެއެވެ. އަދި ހާއްސަ މެހެމާނެއްގެ ގޮތުން އާލިއާ ފިލްމީދާއިރާ އަށް ނެރެދިން ޑައިރެކްޓަރ ކަރަންޖޯހަރ މި ކައިވެނީގެ ހަފްލާގައި ބައިވެރި ވެފައި ވެއެވެ.

ރަންބީރް ކަޕޫރާއި އާލިއާއާ ލޯބީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރުއެވެ. މިދެތަރިން އެންގޭޖްވެ ކައިވެނީގެ ކުރިން އެޕާޓްމެންޓެއް ގަނެގެން އެތަނަށް ދިރިއުޅުން ބަދަލުކޮށްފައި ވެއެވެ.