ހަލާލު ހަރާމް ކަނޑައެޅުން އެއީ ރައްޔިތުން މަޖިލީހުގެ މެމްބަރަކަށް ވީނަމަވެސް ލިބިގެންވާ ބާރެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
މާލޭގައި ޒުވާނުންނަށް މަޖާ ކޮށްލެވޭ ގޮތަށް މިއުޒިކް ފަދަ ހަރަކާތްތައް ހިންގާ މަރުކަޒުތައް އެޅުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ރައްޔިތުން މަޖިލީހުގެ ތަޅަމުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެކަމަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. މިގޮތުން މިއުޒިކަކީ އިސްލާމް ދީނުގައި ވެސް ހުއްދަ ކަމެއްކަމަށާއި މިއުޒިކްގެ އަޑު ޖެހުނީމަ، އިސްލާމް ދީނަށް ލޯބި ޖެހޭ ގޮތް މެދުވެރިވާކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އީވާގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ މިއުޒިކަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ދެއްކުމަށް މި ޒަމާނުގެ ބައެއް އިލްމުވެރިން ވެސް މަސައްކަތް ކުރައްވާކަމަށާއި އެކަމަކު މިއީ އެ އިލްމުވެރިންނަށް ކަނޑައެޅޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
މި ބަހުސްގައި މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ޑރ.އިޔާޒް ވިދާޅުވީ އެގޮތުން ހަލާލު ހަރާމް ކަނޑައެޅުން އެއީ ރައްޔިތުން މަޖިލީހުގެ މެމްބަރަކަށް ވީނަމަވެސް ލިބިގެންވާ ބާރެއް ނޫން ކަމަށް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކަނޑަ އަޅުއްވާނީ ﷲ އާއީރަސޫލާ ﷺ ކަމަށެވެ. “ޙަލާލު ޙަރާމް ކަނޑަ އެޅުން އެއީ @mvpeoplesmajlis މެމްބަރަކަށް ވީނަމަވެސް ލިބިގެންވާ ބާރެއް ނޫން. އެކަން ކަނޑަ އަޅުއްވާނީ ﷲ އާއި ރަސޫލާ ﷺ. ވީމާ ސައިޒް އޮޅިވަޑައިގެން ނޫޅުއްވުމަށް ޢިއްޒަތްތެރި މެމްބަރުންނަށް ނަޞޭޙަތްތެރިވަން.”ޑރ. އިޔާޒު ވިދާޅުވިއެވެ.
މިއުޒިކަކީ ހަރާމް އެއްޗެއްކަން ހާމަކޮށްދެއްވަމުން ޑރ. އިޔާޒުވަނީ އެކަމަށް ބާރު ލިބޭ ހެކިތައްވެސް ޓުވިޓްކުރައްވާފައެވެ/