ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތައުބާ ލައިދޭން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތްތައް ހުއްޓުވިކަމުގެ ތުހުމަތުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، ދީނީ ގިނަ އިލްމުވެރިންވަނީ ޔޯގާ އަކީ ހަރާމް އެއްޗެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ ނުވަތަ ކަސްރަތު ކުރުމަކީ އިސްލާމް ދީނާ ހިލާފު ކަމެކޭ ބުނެ ވާހަކަދައްކައި އާއްމު ދިރިއުޅުމަށް ބުރޫއަރަން ފަށައިފި ނަމަ އެ ދަނީ ސަލާމަތުގެ އައްސޭރިއަކަށް ނޫންކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ މި ވާހަކައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ރައީސް ނަޝީދު ގެންދަވަނީ ހަރާމް ކަންތައް ހުއްދަ ކުރައްވަމުން ކަމަށް ވިދާޅުވެ އިމާމުން ތިބޭ ވައިބާ ގްރޫޕެއްގައި މީހަކު ވަނީ ސުވާލުކޮށްފައެވެ. މި ގޮތުން ރައީސް ނަޝީދު ހަރާމް ކަންތައް ހުއްދަ ކުރައްވާ ކަމަށް ވިދާޅުވެ އެކަމުގެ ހުކުމަކީ ކޮބައިތޯ މީހަކު ވަނީ ސުވާލުކޮށްފައެވެ.
މި ސުވާލަށް ޖަވާބުދެމުން އިޔާޒް ވިދާޅުވީ ﷲ ހަރާމް ކުރެއްވި ކަމެއް ހަލާލު ކުރުމަކީ ދީނުން ބޭރުވާވަރުގެ ކުށެއް ކަމަށެވެ. އެހެންނަމަވެސް މުރުތައްދެއް ކަމަށް ކަނޑައެޅުމުގެ ކުރިން ތައުބާ ލައިދޭން ޖެހޭނެކަމަށް އިޔާޒް ވިދާޅުވިއެވެ.
ރާއްޖޭގައި އިސްލާމްދީނާއި ހިލާފް ކަންތައްތައް އާންމުވެފައިވާއިރު، މިފަދަ ކަންތައްތައް ކުރާ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅުނާޅާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި މި ފަދަ ވާހަކަތައް ދައްކާ މީހުން ހޯދާ ‘ފްރޭމް’ ކުރުމުގެ މައްސަލަ ބޮޑުވެފައިވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ގައުމު ހަމަމަގަށް އެޅުމަށް ސަރުކާރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ގޮވާލަމުންނެވެ.