English Edition
Dhivehi Edition
ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް - ފޮޓޯ: އަވަސް

ދިވެހި މުޖުތަމައު ހަރާބު ކުރަމުންދާ ލިވާތު ކުރާ މީހުން ހައްޔަރު ކުރަން ނުކުންނަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރުތައް ވީޑިއޯކޮށް އަދި އޭގެ ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކުރި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައިވާއިރު، މި މައްސަލައިގައި ޝާމިލްވާ ގިނަ މީހުން މިނިވަންކަމާއެކު ދޫކޮށްލާފައިވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މި މައްސަލައިގައި ޝާމިލްވާ ބައެއް މީހުންގެ ޕާސްޕޯޓް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ބަންގްލާދޭޝް ފިރިހެނެއް ކަމަށްވާ އަލަމްގީރާ އެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގާފައިވާއިރު ބައެއް މީހުންގެ ވީޑިއޯތައްވެސް ވަނީ ލީކުވެފައެވެ. އަލަމްގިރާ އާއި އެކު ޖިންސީ ގުޅުން ހިންގި މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަަމުން އަންނައިރު، މިކަމާއި ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ދިވެހިންގެ އިތުރުން ބިދޭސީން ވެސް އަލަމްގީރާ އެކު ގުޅުން ހިންގާފައިވާއިރު މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މިގޮތުން ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ ހަޑިމުޑުދާރު ފާހިޝް އަމަލުތައް ރީތި ކަމެއްގެ ގޮތުގައި ދައްކުވައިގެން މުޖުތަމައުގެ ތެރޭގައި ފަތުރަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަމަށް ޖާގަ ދީގެން ނުވާނެ ކަމަށެވެ.

އިޔާޒް ކުރެއްވި އިތުރު ޓުވިޓެއްގައި ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުންފަދަ, ނަހީ ކުރައްވާފައިވާ ކަންތައްތަކަށް ބިރަކާނުލާ އަރައިގަންނަން ފަށައިފިނަމަ އެތަނެއްގައި ބަލިމަޑުކަމާއި ނާމާންކަން ޢާއްމުވެގެން ދިިޔުމަކީ ދުރުގައިވާ ކަމެއް ނޫންކަމަށެވެ. “މީދާ ގިނަވެގެން އުޅޭ ދުވަސްވަރު ސިފައިންނާއި ފުލުހުން ނިކުމެ މީދާމަރަން އުޅޭ ފަދައިން މިއަދު މުޖްތަމަޢު ޚަރާބުކުރަމުންދުވާ ލިވާޠީންތައް ހައްޔަރުކުރަން ނިކުންނަންޖެހޭ” އިޔާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވިއެވެ.

މީގެ އިތުރުން އިޔާޒް ވަނީ އެއް ޖިންސުން ގުޅުން ހިންގުމަކީ ބިރުހުރި ކަމެއްކަމަށާއި މިއީ ކޮވިޑަށްވުރެ ނުރައްކާތެރި ކަމެއްކަމަށް ވިދާޅުވެފައެވެ. އިތުރަށް އިޔާޒް ވިދާޅުވީ ހަޑިހުތުރު ފާޙިޝް ޢަމަލުތައް ހިންގާމީހުންނަށް ޙައްޤު އަދަބު ދެވިގެން ނޫނީ ޤައުމު ސަލާމަތެއް ނުވާނެކަމަށެވެ.