އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ފެތުރުމަކީ ވެސް ޙަރާމް ކަމެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ގާނޫނީ ވަކީލް ނާޒިމް ސައްތާރު ބަންގްލަދޭޝް ފިރިހެނަކާއި އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގްރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގާ ފޮޓޯއެއް ވެސް ވަނީ ސޯޝަލް މީޑީއާގައި ދައުރުވާން ފަށާފައެވެ.
ދައުރުވަމުންދާ ވީޑިއޯ އާއި ގުޅިގެން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމަކީ ހަޑިމުޑުދާރު ޢަމަލެއް ކަމަށެވެ. އަދި އެފަދަ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ޢާއްމުކޮށް ފަތުރާ ހެދުމަކީވެސް ޙަރާމް ކަމެއް އިޔާޒް ވިދާޅުވިއެވެ.
އެއްޖިންސުން ގުޅުން ހިންގުމަކީ ހަޑިމުޑުދާރު ޢަމަލެއް. އެފަދަ މަންޡަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ޢާއްމުކޮށް ފަތުރާ ހެދުމަކީވެސް ޙަރާމްކަމެއް. pic.twitter.com/ad6i7Q3nnW
— Dr.Mohamed Iyaz (@dr_iyaz) June 24, 2022
މީގެ އިތުރުން އިޔާޒް ވަނީ ސޫރަތުލް ޢަންކަބޫތުގެ 29 ވަނަ އާޔަތާއި އޭގެ މާނަ ވެސް ހިއްސާކުރައްވާފައެވެ. “ހަމަކަށަވަރުން، ތިޔަބައިމީހުން ފިރިހެނުން ގާތަށް (شهوانى އެދުން ފުއްދުމަށް) ދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން މަގުފޭރި، ތިޔަބައިމީހުންގެ ނާދީތަކުގައި އެ ނުބައިކަންތައް ކުރަމުން ގެންދަނީ ހެއްޔެވެ؟ ފަހެ، އެކަލޭގެފާނުގެ (އެބަހީ: لوط ގެފާނުގެ) قوم ގެމީހުންގެ ޖަވާބުކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވަނީނަމަ، ތިމަންމެންނަށް (ތިޔަ ވިދާޅުވާ) اللَّه ގެ عذاب ނިކަންގެނެސްދެއްވައި ބައްލަވާށެވެ!”
އިތުރުން އަލް ޢަޢްރާފް ސޫރަތުގެ 80 ވަނަ އާޔަތާއި އޭގެ މާނަވެސް އިޔާޒް ވަނީ ހިއްސާކުރައްވާފައެވެ “އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟”
މީގެ އިތުރުން އިޔާޒް ވަނީ ބަނގުރަލަކީ ހުރިހާ ނުބައިކަމެއްގެ އަޞްލު. އޭގެ ބޭނުންކުރާ މީހަކު ކޮންމެފަދަ ހަޑިމުޑުދާރު ޢަމަލެއްވެސް ކޮށްފާނެކަމަށް ވިދާޅުވެފައެވެ. އަދި މުޖްތަމަޢުގައި ހަޑިމުޑުދާރު ފާޙިޝް ޢަމަލުތައް ފެތުރިގެން ދިޔުމުގެ ސަބަބެއް ކަމުފައި ނުވުމަށް ޢަޒުމް ކަނޑައަޅުމަށްވެސް އިޔާޒް ވަނީ ނަސޭހަތްތެރިވެފައެވެ.