މިއުޒިކަކީ އިސްލާމް ދީނުގައި ވެސް ހުއްދަ ކަމެއްކަމަށާއި މިއުޒިކްގެ އަޑު ޖެހުނީމަ، އިސްލާމް ދީނަށް ލޯބި ޖެހޭ ގޮތް މެދުވެރިވާކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގައި ޒުވާނުންނަށް މަޖާ ކޮށްލެވޭ ގޮތަށް މިއުޒިކް ފަދަ ހަރަކާތްތައް ހިންގާ މަރުކަޒުތައް އެޅުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މިއުޒިކާއި ލަވަ އާއި ވާހަކަ އާއި ތަމްސީލާ ނުލައި ގައުމެއްގެ ސަގާފަތެއް އަދި ތަރިކައެއް ނޯންނާނެ ކަކަމަށާއި އެ ގައުމެއްގައި ރޫހެއް ވެސް އެ ކަންކަމާއި ނުލައި ނޯންނާނެކަމަށެވެ.
ދުނިޔެއަށް މިހާތަނަށް އައިސްފައިވާ ގިނަ އިންގިލާބުތައް ވެސް އައިސްފައި ވަނީ ލަވަ އާއި މިއުޒިކުންކަން ފާހަގަކުރައްވާ އިވާ ވިދާޅުވީ 1500 ބީސީއިން ފެށިގެން މިއުޒިކު އިންސާނުން ގެންގުޅެނީ ދުނިޔެ ބަދަލު ކުރުމަށް ކަމަށެވެ. ބައެއް ސިޔާސީ އިންގިލާބުތަކާއި އިންސާނީ ނަސްލުގެ ތަފާތު ކުރުން ހުއްޓުމަކަށް ގެނައި އިންގިލާބުތަކުން މިސާލު ނަންގަވައި އެ އިންގިލާބުތައް އައީ “ޕަންކް ރޮކް” ފަދަ މިއުޒިކް ހަރަކާތްތަކުން ކަމަށް އީވާ ވަނީ ފާހަގަކުރައްވާފައެވެ. “އުމަވީ ދައުލަތަކީ އިސްލާމީ މިއުޒިކްގެ ރަންޒަމާން. އެ މިއުޒިކްތަކުން އިސްލާމްދީން އަދި އިސްލާމީ ދައުލަތްތައް އެ މީހުންގެ ކަންފަތުގައި މިއުޒިކްގެ އަޑު ޖެހުނީމަ އެމީހުން އިސްލާމީ ދައުލަތަށް އިތުރަށް ހިތްކިޔާގޮތްވެސްވި.” އީވާ ވިދާޅުވިއެވެ.
އިތުރަށް އީވާ ވިދާޅުވީ މިއުޒިކަކީ އިންސާނާގެ އިތުރުން މުޅި ދުނިޔެ “އުޖާލާކޮށްލާ” އެއްޗެއް ކަމަށެވެ. “މިއުޒިކް ކަންފަތުގައި ޖެހުނީމާއި، އެ އަޑުއަހާ މީހާ އާއި އެ އަޑު އިވުނު މީހުންނާއި، ދުނިޔެ އެއްކޮށް ބަދަލުކޮށްލާ އެއްޗެއް މިއުޒިކަކީ.” އީވާ ވިދާޅުވިއެވެ.