English Edition
Dhivehi Edition

މިއުޒިކަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ދެއްކުމަށް މި ޒަމާނުގެ ބައެއް އިލްމުވެރިން ވެސް މަސައްކަތް ކުރައްވާކަމަށާއި އެކަމަކު މިއީ އެ އިލްމުވެރިންނަށް ކަނޑައެޅޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ މާލޭގައި ޒުވާނުންނަށް މަޖާ ކޮށްލެވޭ ގޮތަށް މިއުޒިކް ފަދަ ހަރަކާތްތައް ހިންގާ މަރުކަޒުތައް އެޅުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް އިލްމުވެރިއަކަށް ބުނެވެންވީ ކިހިނެއްތޯ ވިދާޅުވެ ސުވާލުކުރައްވަމުން އިންތި ވަނީ އެހެން ބައެއް މިއުޒިކަކީ ވެސް ހަރާމް އެއްޗެއް ކަމަށް ދައްކަން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އިންތިވަނީ މި ގައުމުގައި މިއުޒިކް ކުޅޭ ޒުވާން ފަންނާނުންނަށް ހުރަސް އެޅުމަށް ވެސް މަސައްކަތް ކުރަމުންދޭކަން ފާހަގަކޮށް އެ ޒުވާނުން ހުރަސް އަޅަން ކުރާ ކަންކަމަށް ދައުލަތުން ފުރުސަތު ދީގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

ދިވެހި ޒުވާން ފަންނާނުންގެ އަގު ވަޒަން ކުރަން ޖެހޭކަން ފާހަގަކޮށް އެ ފަންނާނުންނަށް އާމްދަނީ ލިބޭނެ އިންތިޒާމުތަކެއް ދައުލަތުން ހަމަޖައްސައިދޭން ޖެހޭ ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ. މި ގޮތުން ރިސޯޓް މިއުޒިކްގެ ސިނާއަތް ފުޅާކޮށް އެ ސިނާއަތުގެ ތެރެއިން ދިވެހި ފަންނާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ދައުލަތުން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް އިންތި ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ލަވައެއްގެ އަގު ރިޒޯޓެއް ވިއްކާލައިގެން ލިބޭ އާމްދަނީއަށް ވުރެ ބޮޑު ކަމަށާއި، ރާއްޖޭގެ އާޓިސްޓުންނަށް ވެސް މިހެން ނުވާންވީ ސަބަބެއް ނެތްކަމަށެވެ.

ދީން ހަތިޔާރަކަށް ހަދައިގެން “އެންޓި-މިއުޒިކް” ގެ އޮއިވަރެއް އުފެއްދުމަށް ބަޔަކު މަސައްކަތް ކުރާކަން ފާހަގަކުރައްވަމުން އިންތި ވަނީ އެފަދަ ކަންކަން ދައުލަތުން ހުއްޓުވަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.