އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ލިބުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ކުރެއްވި ބުރަ މަސައްކަތުންކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
ރޭ ‘ދަ ޑިމޮކްރެޓްސް’ އިން ބޭއްވި ބައްދަލުވުމުގައި އިންތި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް “ތަބަކުން ވެރިކަން ދެއްވައި” އަދި އެއަށް ފަހު މަޖިލީހަށް މެމްބަރުން ހޮވުމަށް މުޅި ގައުމުގައި ނަޝީދު ދަތުރުކުރެއްވި ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ހޯދައިދިނުމުން ވެސް ގޮއްވާލީ ބޮމެއް ކަމަށާއި އަދި މިހާތަނަށް އައިއިރު އެ މަނިކުފާނަށް އެކަމުގައި އިންސާފު ލިބިވަޑައިނުގަންނަވާ ކަމަށެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އުޅުމަކީ ހަސީލަތް ނުބައި އަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން އިންތި ވިދާޅުވީ އެއީ ޒަމާނުއްސުރެ ހިތުއަޑީގައި ގެންގުޅުނު “ހީލަތްތެރިކަން” ކަމަށާއި އެކަމާ ލަދުގަންނަން ޖެހޭނެ ކަމަށެވެ.
ރާއްޖޭގެ މުސްތަގްބަލު ބިނާކުރެއްވުމަށް އެންމެ އަނިޔާވެރި ދުވަސްތަކުގައި ނަޝީދު މަސައްކަތް ކުރެއްވިިކަން ފާހަގަކުރަމުން އިންތި ވިދާޅުވީ ޓިނު ގޮޅި އާއި ބޮމުގެ ހަމަލާއިން ސަލާމަތްވެ ވަޑައިގެން، ވެއްޓުނު ވަރަށް ވުރެ ކުރިއަށް އަދިވެސް އެ މަނިކުފާނު ވަޑައިގަންނަވާނެކަމަށެވެ. ރައީސް ނަޝީދު ތަފާތުވާ ސަބަބަކީ އެއީކަން ފާހަގަކޮށް އިންތި ވިދާޅުވީ އެއީ ވެރިކަމުގެ ދަހިވެތިކަމުގައި، “ކަރާމާތުގެ ދުލި އެލުވައިގެން” އުޅޭ މީހަކު އުޅޭނެ ގޮތެއް ނޫންކަމަށެވެ.
މިހާރުގެ އެމްޑީޕީއަކީ ވަގުންގެ ނެޓްވޯކެއް ކަމަށް ތުހުމަތުކޮށް އިންތިވަނީ އެމްޑީޕީގެ ކިބައިން ރާއްޖެ ސަލާމަތްކުރާނެ ކަމަށެވެ.