English Edition
Dhivehi Edition
މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ތަރުޖަމާނު، އިމްތިޔާޒު ފަހުމީ - ފޮޓޯ: ޙައްވާ މުޙައްމަދު

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އުޅުއްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި “ލެޑިގަނެގެން” ކަމަށާއި އެ އުޅުމުން ރައީސް ސޯލިހަށް އެންމެ ވޯޓެއް ވެސް އިތުރު ކުރެވިދާނެ ކަމަށް ދެކިލައްވަންތޯ ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ފާއިތުވި ދެ ތިން ދުވަހު ޓުވިޓާގައި މި ދެ މެންބަރުން ކުރަމުން އަންނަ ޒުވާބު ހޫނުވެފައިވާއިރު ރޮޒައިނާ ވަނީ އިމްތިޔާޒު އަކީ އެމްޑީޕީއަށް ވަރަށް ދޮށީ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެމްޑީޕީއަށް ފައިދާ ހުރި މަސައްކަތެއް ކުރައްވަނީ ރޮޒައިނާކަމަށް ވިދާޅުވެ އޭނާ ވަނީ އިދިކޮޅާއި ގުޅިގެން ސަރުކާރު ވައްޓާލަން ކުރާ މަސައްކަތް ހުއްޓާލުމަށްފަހު ޑިމަކްރަސީއަށް ރުޖޫއަ ވުމަށް ގޮވާލާފައެވެ.

ޕީޕީއެމާއި ގުޅިގެން ރައީސް ސޯލިހްގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމަކީ އެމްޑީޕީއަށް ފައިދާހުރި ކަމެއް ނޫން ކަމަށް ވިދާޅުވެ ރޮޒައިނާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އިންތި ވަނީ ވައްކަމުގެ ނެޓްވޯކުން ނެއްޓި، ޑިމަކްރަސީއަށް ރުޖޫއަވުމަށް ރޮޒައިނާއަށް އިޝާރަތް ކުރައްވާ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ސޯޝަލް މީޑިއާގައި ރައްދު ދިނުމަކީ މިހާރު ވަރަށް އާންމުކަމެކެވެ.