English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

މާދަމާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ކޮވިޑް19 ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީ ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މާދަމާ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ޖަހަން ފަށާއިރު އޭގެ ފަހުން ހެލްތު ސެންޓަރުތަކުގައިވެސް ވެކްސިން ދޭން ފަށާނެ ކަމަށެވެ.

އޮކްސްފޯޑް-އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިން “ކޮވިޝީލްޑް” ވެކްސިން އިއްޔެ ރާއްޖޭގައި ދޭން ފަށާފައިވާއިރު އިއްޔެ ވެކްސިން ޖަހަން ފަށާފައިވަނީ މާލެ އާއި ހދ. ކުޅުދުއްފުއްޓާއި އައްޑޫގަ އެވެ. އިއްޔެ 282 މީހުންނަށް ވެކްސިން ދީފައިވާއިރު އެޗްއީއޯސީ އިން ބުނީ ވެކްސިން ޕްރޮގްރާމްގެ އަމާޒަކީ ރާއްޖޭގައި ތިބި ހުރިހާ ހެލްތު އަދި އަދި ސޯޝަލް ވޯކަރުންނަށް 10 ދުވަސް ތެރޭގައި ވެކްސިން ޖެހުން ކަމަށެވެ

ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށްއޮތް ހަ މަސްދުވަހުގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާއިރު އިންޑިއާއިން ވަނީ 100،000 ވެކްސިން ހިލޭ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ދޭ ވެކްސިން ފެބުރުއަރީ މަހުގެ ތެރޭގައި ލިބޭއިރު، ރާއްޖެ އިން ގަންނަ 70،000 ޑޯޒު އެޕްރީލް މަހުގެ ތެރޭގައި ލިބޭނެއެވެ.