English Edition
Dhivehi Edition

“މިސް” އެންމެ ފަހުގެ ޑިޕާޗަރ ގޭޓުން ބޯޑިން ޕާސް ދިއްކޮށްލި ވަގުތު ނުދަންނަ އަޑަކުން މިސް އޭ މީހަކު ބުނި އަޑަށް އިސް އުފުލާ ބަލައިލީމެވެ. ރީތި ޔުނިފޯމެއްގައި ހިނިތުންވުމަކުން މަރުހަބާ ކިޔަމުން އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރި ޒުވާނާ އެއީ ކާކުކަން ދެނެގަންނަން އުނދަގޫވިއެވެ. ނަމަވެސް މިސް އޭ ކިޔާލާފައި ގޮވާލާނީ ކޮންމެވެސް ދުވަހަކު ކިޔަވައިިދެވިފައިވާ ދަރިވަރެއްކަން އެނގުނެވެ.

“މިސް އޭ ބުނީމަ އެނގިއްޖެ ކިޔަވައިދިން ކުއްޖެއްކަން. އަދި މި އުޅެނީ ނަން ހަނދާން ނުވެގެން. އުމުރުން ދުވަސްވީމަ ވާނީވެސް އެހެންތާ” ހީނލަމުން އަހަރެން ބުނީމެވެ.

“ކިތަންމެ ގިނަ ދުވަސް ވިޔަސް މިސް އަކަށް ބަދަލެއް ނާދޭ. އެހެންވެ ފެންނަ އިރަށް އެނގިއްޖެ. މީ ނާދިރު!،، އެއްކަލަ ގްރޭޑް 2 ގައި…” އެހާ ހިސާބަށް އޭނަ ބުނާއިރަށް އަހަންނަށް މިއީ ކޮން ކުއްޖެއްކަން ވަރަށް ރަނގަޅަށް ހަނދާންވިއެވެ

“ނާދިރު” ހައިރާން ވެފައި ހުރެ އަހަރެން އޭނަގެ ފައިން ފެށިގެން ބޮލަށް ބަލާލީމެވެ. ކުރިމަތީގައި ސާފު ރީތި ޔުނިފޯމެއްގައި ހުރި ފިރިހެންވަންތަ ޒުވާނާ އަކީ ހަމަ ނާދިރު ހެއްޔެވެ.

“ވަރަށް އުފާވެއްޖެ މިފަދަ ގޮތަކަށް ނާދިރު ފެނުމުން. 15 ވަރަކަށް އަހަރުފަހުން ދޯ މި ދިމާވީ” ނާދިރަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން އަވަސް އަވަހަށް އަހަރެން ގޭޓުން ނިކުމެ ބޯޓާ ދިމާއަށް ހިނގައިގަތީމެވެ.

މަތިންދާ ބޯޓަށް އަރައި އަހަންނަށް ކަނޑައެޅިފައިވާ ސީޓުގައި އިށީނދެ ބެލްޓު އަޅުވާލުމަށް ފަހު ހަމަޖެހިގެން ގޮނޑީގައި ލެގިލަމުން ދެލޯ މަރާލީމެވެ. އެވަގުތު ބޭ އިޚްރިޔާރުގައި އަހަރެންގެ އަރުތެރެ ފުރި ބާރުވެ ދެލޮލަށް ޖަމާވި ކަރުނަ ތިކިތަކުން އެސްފިޔަތައް ބަރުވިއެވެ. މަޑުމަޑުން އަތުގެ ނުފުށުން ދެލޯ ފޮހެލަމުން އަހަރެން ހިނިތުން ވެލީމެވެ. މިއީ ހަމަ ޔަގީނުންވެސް އުފާވެރިކަމުގެ ކަރުނައެވެ.

މަޑުމަޑުން ބޯޓު ދުއްވަން ފެށިކަން އަހަންނަށް އިހްސާސް ކުރެވުނެވެ. އެއާއެކު އަހަރެންގެ މާޒީގެ އަސް ވެސް މަޑުމަޑުން ދުރަށް ދުވަމުން ދިޔައެވެ، މީގެ 15 އަހަރު ކުރިއަށެވެ. ޚިޔާލަށް އައީ ދާވެ ތަތްތެޅިފައިވާ ޔުނިފޯމެއްގައި ހުރި ކުޑަ ފިރިހެން ކުއްޖެކެވެ. ޔުނިފޯރމުން އަރާ ވަހާއި ކުއްޖާ ހުންނަ ގޮތް ހަޑިކަމުން އެއްވެސް ކުއްޖަކު ކައިރިކުރަން ބޭނުން ނުވާ ކުއްޖާއެވެ. ރީނދޫ ކުލައިގެ ކޮބަޑި ޖަހާފައިވާ ދަތްތަކާއި އެއްބައި ބިނދިފައިވާ އަނގަމަތި ފެނި ކުދިން މަލާމާތް ކުރާ ގިނަ ކުދިންގެ ބަހުންނަމަ “ހަޑިގިއްލާ” އެވެ. އެއީ ހަމަ ދެންމެ ފެނުނު ނާދިރެވެ!

ނާދިރުމެންގެ ކުލާހަށް އަހަންނަށް ދިޔައީ ގަޑި ފުރާ މުދައްރިސެއްގެ ގޮތުގައެވެ. އެކުލާހުގެ މުދައްރިސް ބަލިވުމާ ގުޅިގެން ކްލާހަށް ދާނެ އިތުރު މުދައްރިސަކު ނެތުމުން ޕްރިންސިޕަލް އެދުނު އެދުމެއްގެ މަތިންނެވެ. މަތީ ސާނަވީގައި ކިޔަވައިދޭތީވެ ޕްރައިމަރީގައި ކިޔަވައިދޭން ދާން ބޭނުން ނުވިޔަސް ޕްރިންސިޕަލްގެ އެދުން ގަބޫލު ކުރަން ޖެހުނީ އިތުރު ގޮތެއް ނެތުމުންނެވެ.

އެދުވަހަކީ މުދައްރިސެއްގެ ގޮތުގައި އަހަރެން ހޭދަ ކުރި 22 އަހަރުގެ ތެރޭގައި ހަނދާނުން ފިލުވަން ދަތިވި ތަފާތު ތަޖުރިބާއެއް ކުރެވުނު ދުވަހެކެވެ. ކަނޑައެޅިފައިވާ ގަޑިއަށް ކުލާހުގެ ދޮރުމަތީގައި އަހަރެން ހުއްޓުނީމެވެ. އަހަރެންގެ އާދައިގެ މަތިން ހިނިތުން ވުމަކާއެކުގައެވެ.

“މީ އަދި ކާކު؟” ކްލާސްތެރެއިން ކުއްޖަކު ހެމުން އަހަންނާ ދިމާއަށް ބުނި ޖުމުލައިގެ އަޑު އިވިފައި ކުރިމަތިލާން ޖެހޭ ހަނގުރާމައިގެ ވަރުގަދަކަން އަހަންނަށް އިހުސާސް ކުރެވުނެވެ.

” މީ އަހަރެމެންގެ ފްރީ ގަޑި. ކީއްކުރަން ކްލާހަށް ތިއައީ” އުކުޅުގައި ދެއަތް ވިދެލަމުން ކުޑަ ފިރިހެން ކުއްޖަކު އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ.

“މިސް ތިއީ ނާދިރު. ތީ ވަރަށް ބަސް ނާހާ ކުއްޖެއް. ތީ މިކުލާހުގެ ހަޑިގިއްލާ” ހުރިހާ ކުދިން އެއްފަހަރަކާ ބުނި އަޑު އިވުނެވެ. އެއާއެކު ދުމެއް ޖެހިހެން ނާދިރު ދުވެގޮސް ޕްލޭކޯނާގައި ހުރި ކަބަޑު ގެ ތެރެއަށް ވަރެ ދޮރު ލެއްޕިއެވެ. ނާދިރުގެ މި ހަރަކާތަށް ކުލާހުގެ ހުރިހާ ކުދިން ބިނދި ބިނދިފައި ހޭން ފެށިއެވެ.

އެ ކްލާހަށް ވަނުމުގެ ކުރިން ޕްރިންސިޕަލް ކިޔައިދިން ވާހަކަތަކުން އެހެން ކަންތައްތައް ވެދާނެ ކަމަށް އަހަރެން ހުރީ ތައްޔާރުވެގެންނެވެ. ޕްރިންސިޕަލް އޮތީ ނާދިރުގެ ވާހަކަ ވެސް ކިޔައިދީފައެވެ.

ކުލާހަށް ވަދެ އަހަރެން ކުރަން ޖެހޭ މަސައްކަތް ފެށީމެވެ. އަހަރެން ސަމާލުކަން ނުދިންކަން އެނގުމުން ކަބަޑު ތެރެއިން ނިކުމެ ކުލާހުގައި ވަށައިގެން ދުވެލާފައި ބުރެއް އަޅާލަމުން ކުއްޖެއްގެ ފަންސުރު ޖަހާ ދަތި ހިފައިގެން ދުވެ އަނެއްކާވެސް ނާދިރު އެއްކަލަ ކަބަޑަށް ވަނެވެ. ފާރަވެރިވެ ނާދިރުގެ ހަރަކާތްތައް ބަލަމުން އަހަރެން ގެންދިޔަ ނަމަވެސް އަހަރެން އެކަމަށް މާބޮޑު ސަމާލުކަމެއް ދިންކަމަށް ނުހެދެމެވެ. އަހަރެން އަޅާ ނުލިކަން އެނގުމުން އަނެއްކާވެސް ކަބަޑުން ނިކުމެ ނާދިރު އައެވެ. އަދި ފާޚާނާ އަށް ދާން ބޭނުންކަމަށް ބުންޏެވެ. އަހަރެން އެ ހުއްދަ ދިނީމެވެ. އަހަރެންގެ ޖަވާބު ނުނިމެނީސް ނާދިރު ކުލާހުން ނިކުމެ ނިމިއްޖެއެވެ.

ފުރަތަމަ ދުވަހުގެ ކުލާސް ނިމިގެން ކުލާހުން ނިކުތީ ނުތަނަވަސް ހިތަކާ އެކުގައެވެ. އެންމެ ބޭނުންވާ ގޮތަށް ކުދިންނަށް ފިލާވަޅު ނަގައި ނުދެވުނު ކަމުގެ ހިތްހަމަ ނުޖެހުން ސިކުނޑިއަށް އުދަގޫކުރަމުން ދިޔައެވެ.

އެރޭ ހަތަރުދަމުހެން އަހަރެން ވިސްނީ ނާދިރާ މެދުގައެވެ. ނާދިރު ހަމައަކަށް ނޭޅުވި ކްލާސް ކުރިއަށް ނުގެންދެވޭނެ ކަން އަހަންނަށް އެނގެއެވެ. ނާދިރު އާހެދި އެކްލާހުގެ އެއްވެސް ކުއްޖަކަށް ހަމަޖެހިލައިގެން ނުތިބެވޭކަން ފުރަތަމަ ދުވަހުން ވެސް އަހަންނަށް އެނގުނެވެ.

ޖެހިގެން އައި ދުވަހެވެ. އެދުވަހު އަހަރެން ކްލާހަށް ވަން ތަނާ ކޮމްޕިޔުޓަރ ކުލާހުގެ ފަރާތުން އެ ކުލާހުގެ މަހު ފީ ނުދައްކާ ކުދިންގެ ބެލެނިވެރިންނަށް ދޭން ހުރި ސްލިޕްތަކެއް ހިފައިގެން އައެވެ. އަހަރެން ޖެހުނީ އެކުދިންނަށް އެ ސްލިޕްތައް ބަހާށެވެ. އޭރު ނާދިރު ކުލާހުގައެއް ނެތެވެ. އޭނައަށް ކަނޑައެޅިފައިވާ ގުރޫޕުގައި ދަބަސް އޮތުމުން އޭނަ ވީ ބޭރުގައިކަން އެނގުނެވެ. ސްލިޕް ކޮޅުތައް ބަހައި ނިމުމު އިރު ބާކީ އޮތީ ނާދިރުގެ ނަމުގައި އޮތް ސްލިޕެވެ. އަހަރެން އެ ސްލިޕް ކޮޅަށް ބަލާލީމެވެ. އެއިން އެނގުނީ އެއަހަރުގެ އަދި އެއްދުވަހު ވެސް ނާދިރުގެ ފީ ދައްކާފައި ނެތް ކަމެވެ.

“ތީ ކޮންއެއްޗެއް؟” ޖެހިލުން ކުޑަ ގޮތަކަށް ކުރިމަތީގައި ހުރެ ނާދިރު ސުވާލު ކުރިއަޑު އިވުނެވެ.

“ސަލާން ވެސް ނުގޮވާތަ ކްލާހަށް ވަނީ؟” އަހަރެން ވެސް ކޮށްލީ ސުވާލެކެވެ.

“ކީއްކުރަން ކުރާ ކަމެއް އެއީ. މަށަކަށް ނުކުރެވޭނެ” ހެމުން ހެމުން އޭނަ ބުނެލިއެވެ.

“މީ ނާދިރުގެ ސްލިޕްކޮޅު، ކޮމްޕިޔުޓަރ ކްލާސް މިސް ގެނެސް ދިނީ” އަހަރެން އެ ސްލިޕް ނާދިރަށް ދިއްކޮށްލީމެވެ.

“މަށެއް ބޭނުމެއް ނޫން. ތީ ފީ ނުދައްކައިގެން ދޭ ސްލިޕެއްނު. ކޮންމެ މަހަކު ތިޔަ ސްލިޕް މަށަށް ލިބޭ. ގެއަށް ގެންދިޔަ ޔަސް ފީ ދައްކާނެ މީހަކު ނުހުއްނާނެ. ވީމާ ތީ ބޭކާރު ކަމެއް” ހަރުކަށި ގޮތަކަށް އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުރެ އެ ތުއްތު ކުއްޖާ ބުނެލި ޖުމުލަ ރަނގަބީލު ތަކެއްގެ އަޑު ފަދައިން މުޅި ދުވަހު އަހަރެންގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ.

އެދުވަހުވެސް ނިމިގެން ދިޔައީ އެފަދަ ގޮތަކަށެވެ. ގަޑި ނިމުމު އިރުވެސް ނާދިރަށް އެނގުނު އެކައްޗެއް ވެސް ނެތެވެ. އަމުދަކުން އޭނަގެ އަތުގައި ފޮތެއް ވެސް ނެތެވެ. ލިޔާނީ ފޮތެއްވެސް އޮވެގެން ތާއެވެ.

ދެން އޮތީ ހަފްތާ ގެ ބަންދު ދުވަސްތައް ކަމުން އަހަރެން ނިންމީ ނާދިރުގެ އާއިލާއާއި ބައްދަލުކުރާށެވެ. ނަސީބު ދިމާކުރި ގޮތުން އެއީ ދުރުތާ ތިމާގެ ބައެއް ވެސް މެއެވެ. އެހެންކަމުގެން ހުކުރު ދުވަހުގެ ހަވީރު އަހަރެން އެގެއަށް ގޮސް ނާދިރުގެ މަންމައާއި ބައްދަލުކުރީމެވެ. އަދި މިހެން ދަމުން ވަދެލީ ކަމަށާއި މިހާރު ނާދިރުމެންގެ ކްލާހަށް ވެސް ދާ ވާހަކަ ބުނެލީމެވެ. އަދި ސްލިޕްކޮޅު ދިނުމުން ނާދިރު ދިން ޖަވާބު ވެސް ބުނީމެވެ.

ޖަވާބުގައި ނާދިރުގެ މަންމަ އަމީނާ ވާހަކަ ދެއްކީ ހިތުގައި ޖެހިފައި އިނދެ ރޮމުންނެވެ. އަހަރެންގެ އަތުގައި ހިފައިގެން އިނދެ އޭނަ ކިޔައިދިނީ އޭނައާއި އޭނަގެ ދަރިން ތަހައްމަލް ކުރަމުން ގެންދާ ހިތްދަތި ހަޔާތުގެ ވާހަކައެވެ. މަސްތުވާ ތަކެތީގެ ބޭނުންކުރާ ބައްޕަގެ އަނިޔާވެރިކަމާއި ރަޙުމް ކުޑަކަމުގެ ވާހަކަ އެވެ. އަދި ޚުދު އޭނަވެސް ޒަމާންވީ ބައްޔެއްގައި އެ ވޭނުގައި އުޅޭތީ ކުދިންނަށް އަޅާ ނުލެވޭ ވާހަކައެވެ.

“މިސް… ކުރުނބާއެއް” ސިހިގެން ގޮސް ބަލާލެވުނީ ކުރިމަތީގައި ހުރި ނާދިރަށެވެ. އޭނަގެ އަތުގައި އޮތީ ހަމަ ދެންމެ ކަނޑާލައިގެން ގެނައި ތާޒާ ކުރުނބަލެވެ.

“ކިހިނެއް މިސް މިގެއަށް އައިކަން އެނގުނީ؟” ނާދިރުގެ އަތުން ކުރުނބާ އަތުލަމުން އަހަރެން ބުނެލީމެވެ.

“މަގުމަތީގައި ކުޅެން ހުއްޓާ މިސް އަންނަތަން ފެނިގެން ފިލާއޮތީ. ދެން ފެނުނީ މިސް މިގެއަށް ވަން ތަން. މާމަ ބުނީ މިސް އެއީ ތިމާގެ މީހެކޭވެސް. އެހެންވެ ވެލްކަމްޑްރިންކެއް ގެނައީ” މައުސޫމް ގޮތަކަށް އޭނަ ދެއްކި ވާހަކަތައް އަޑުއަހަން އަހަރެން އިނީ ވަރަށް ގަޔާވެގެންނެވެ.

އޭގެ ފަހުން އަހަރެން ނާދިރަށް ޚާއްޞަ ސަމާލުކަމެއް ދިނީމެވެ. ސްކޫލަށް ދިއުމުން މަސައްކަތު މީހަކު ލައްވައި ނާދިރުގެ ޔުނިފޯމް ދޮވެ ސާފު ކުރުވާ އިސްތިރިކޮށް ރީތިކޮށް ދެމެވެ. ދަތް އުނގުޅާ ބުރުސް ގެނެސް ރީތިކޮށް ދަތް އުނގުޅުވައި އެހެންކުދިންގެ މަލާމާތް ނުލިބޭ ވަރު ކުރުވީމެވެ. އިންޓަވަލް އަށް ގެންނާނެ އެއްޗެއް ނާދިރުގެ އަތުގައި ނުހުންނާނެކަން އެނގި އެހެންކުދިންނަށް ސިއްރުން ނާދިރުގެ ދަބަހަށް ކާނެއެއްޗެއް ލައި ދެމެވެ. އެކަން އެނގޭނީ ނާދިރާއި އަހަންނަށެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ ނާދިރުގެ މިޒާޖު ބަދަލު ވުމެވެ. ކްލާސް ތެރޭގައި ދުވެ ސަކަރާތް ޖަހައި ހެދުމުގެ ބަދަލުގައި ކިޔަވަން މަސައްކަތް ކުރަން ފެށުމެވެ. ދޭތެރެ ދޭތެރެއިން އަހަރެން ނާދިރުގެ ގެއަށް ދަމެވެ. އަހަރެން އެގެއަށް ދާ ކޮންމެ ދުވަހަކު ނާދިރު އުފަލުން އިނދެ އަހަންނަށް ހަދިޔާ އަކަށް ކޮންމެވެސް އެއްޗެއް ގެނެސްދެއެވެ. އޭގެ އިތުރުން އަހަރެން އެންމެ އުފާވީ މުދައްރިސުންގެ ދުވަހާ ދިމާކޮށް އޭނަ އަމިއްލައަށް ވިޔެގެން ތައްޔާރު ކޮށް ހަދިޔާކުރި އަތުގައި އަޅާ ބޭންޑު ދިން ދުވަހުގައެވެ. އޭގައި އޮތީ ދިވެހި ބަހުން “ނާދިރު ހަދިޔާ” އެވެ. އޭނަ ކިޔައިދިން ގޮތުގައި އޭގައި އޭނަ ލިޔަން ބޭނުންވީ ނާދިރު ދިން ހަދިޔާ އެއް ކަމެވެ. ނަމަވެސް އޮޅިގެން ލިޔެވިފައި އޮތީ މާ ބޮޑަށް ވެސް މާނަފުން ރީތި އިބާރާތެކެވެ.

“ޖޫސްތޯ ނުވަތަ ކޮފީތޯ” އަހަރެންގެ ޚިޔާލުގެ ވާފަށް ކެނޑިގެން ދިޔައީ އެއާހޮސްޓެސް ގެ އަޑަށެވެ.

“ހުސް ފެން ތައްޓެއް” ޖަވާބުގައި އަހަރެން ބުނީމެވެ.

ފެންތަށި ބޮމުން ދިޔައިރު އަހަރެންގެ ހިތަށް އެރީ އެދުވަހު މުދައްރިސެއްގެ ފުށުން ލިބުނު ލޯބީގެ ކުޑަ މިންވަރަކުން ދަރިވަރެއްގެ ޙަޔާތް ބަދަލުވެގެން ދިޔަ ގޮތެވެ. މިއަދު މުޖުތަމައަށް ބޭނުންތެރި ޒިންމާދާރު މީހެއްގެ ގޮތުގައި ނާދިރު އެންމެންނަށް ފެންނަން އެހެރަ ހުރުމުގައި ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް އަހަރެންގެ ހިއްސާ އެކުލެވިގެންވާނެ ކަން ހިތަށް އެރުމުން އުފާވިއެވެ.

-ނިމުނީ