English Edition
Dhivehi Edition

މިދިޔަ އަހަރު ތ. ތިމަރަފުށީ ދޯންޏަކުންނާއި އެ ރަށުން ހައްޔަރުކުރި ހަރުކަށި ފިކުރު ގަބޫލު ކުރާ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅުން އޮތް ކަމަށާއި ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރައި އެކި ތަންތަނުގައި ހަމަލާ ދޭން ރާވަމުން ދަނިކޮށް ފުލުހުން 08 މީހަކު ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައި އެ މީހުންނާ ބެހޭ ގޮތުން ފުލުހުން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ،

އެ ބަޔާނުގައި ފުލުހުން ވިދާޅުވީ އައިއެސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށްގޮސް ތަމްރީނުތައް ހަދަމުން ދިޔަ ބައެއް ކަމަށެވެ. އަދި އެމީހުންނަކީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކުރާ ބައެއް ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި މީހުން ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުންދިއުމާއި ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރަމުން ފުލުހުން ވިދާޅުވީ އެމީހުންގެ ފުރަތަމަ ގުރޫޕް ހައްޔަރުކޮށްފައިވަނީ ނިރުބަވެރި އަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައި ކަމަށެވެ. މި ގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި މާލެ ކައިރީގައި އޮތް “ނަސާހް 3” ކިޔާ ދޯންޏަކުން ބަޔަކު ހައްޔަރުކޮށްފައިވާކަމަށެވެ.އަދި އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު އިރު އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ފެނިފައިވާކަމަށާއި އަދި ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ފެނިފައިވާކަމަށެވެ.

އިތުރަށް ފުލުހުން ވިދާޅުވީ ދޯނިންނާއި މާލެއިން އަދި ތިމަރަފުށިން ހައްޔަރުކުރި ހަ މީހުންނާ ބެހޭ ގޮތުން ފުލުހުން ބުނީ މި މީހުންގެ ތެރޭގައި އައިސިސް އިން “އަމީރު” ކަމަށް ކަނޑައަޅާފައިވާ މީހަކު އިސްކޮށް ހުންނަ ކަމަށާއި ގޮވާތަކެތި ހަދާނެ ގޮތުގެ މެނުއަލްތައް ވެސް، ހައްޔަރުކުރި މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށް ދައުވާކުރަން ފޮނުވި މީހުންނަކީ:

  • އަހްސަން މުހައްމަދު، ތ. ތިމަރަފުށި/ކެނެރީގެ
  • އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/ފެހިވިދުވަރު
  • އަބްދުﷲ އިމާދު، ރ. މަޑުއްވަރީ/ބީޗް ހައުސް
  • ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ
  • އަލީ މުނީޒް، ތ. ތިމަރަފުށި/ކެނެރީގެ
  • އިބްރާހިމް ލޫތު، ނ. ކުޑަފަރީ/ރޯޒްމީޑް
  • މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ
  • އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ

މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. ފުލުހުން ވިދާޅުވީ މމައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެ މީހުންގެ މައްސަލަތައް އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.