English Edition
Dhivehi Edition

ވިލިމާލޭގައި ހިންގި ޓެރަރިޒަމްގެ އޮޕަރޭޝަނެއްގައި، މި އަހަރުގެ ޖަނަވަރީ މަހު ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފިއެވެ.

އައިއެސް ޖަމާއަތަށް ތާއިދުކޮށް، އެ ޖަމާއަތް ޕްރޮމޯޓްކުރަމުން ދިޔަ ހޫދު ހައްޔަރު ކުރީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ, ހޫދުގެ މައްޗަށް ތުހުމަތުކުރެވެނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާ ކަމުގެ ތުހުމަތުކަމަށެވެ.

ހޫދުގެ މައްޗަށް ފަސް ދައުވާއެއް ކުރުމަށް 18 އެޕްރީލް ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އިރު އޭނާގެ މައްޗަށް އުފުލާފައިވާ ފަސް ދައުވާ އަކީ

  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ
  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުން
  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން

ޕީޖީ އޮފީހުން ބުނީ ހޫދު އާއި ގުޅޭ މައުލޫމާތު ދިވެހިރާއްޖެއާ ހިއްސާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުން ކަމަށާއި މައްސަލައިގެ ތަހުގީގަށް ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާކަމަށެވެ.

ހޫދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަ އަދަބެއްގެ ގޮތުން، 34 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.