English Edition
Dhivehi Edition
އައްޑޫ ސިޓީ ސްކުއަރ - ފޮޓޯ: ޓްވިޓާ (ނައުޓީ)

މީގެ ހަފްތާއެއްހާ ދުވަސްކުރިން އައްޑޫސިޓީގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ޓެރަރިޒަމްގެ ޢަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވިގެން އެސިޓީން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އައްޑޫގައި ހިންގި އެއޮޕަރޭޝަންގައި 9 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 3 މީހަކު ކުރިންވަނީ ދޫކޮށްލާފައެވެ. އަނެއް 6 މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރު ކުރުމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުންވަނީ އެ 6 މީހުންގެ ބަންދަށް 7 ދުވަސް ޖަހާފައެވެ. އާދީއްތަ ދުވަހަށް އެ 7 ދުވަސް ހަމަވުމަށްފަހު އެމީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކުރީ އައްޑޫގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫތައް ފެއްޓެވުމާއި އަދި ބައެއް މަޝްރޫއުތައް ނިންމުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަންޔަމް ޖައިޝަންކަރާއި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހޯމް މިނިސްޓަރު ޢިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަލާމަތީ ޚިދުމަތްތަކުގެ އެންމެ އިސްވެރިން ވެސް އައްޑޫގައި ތިއްބަވަނިކޮށެވެ.