ޓެރަރިޒަމް މައްސަލަތައް ތަހުގީގުކުރުމުގައި ކޯޓު އަމުރަކާ ނުލައި ހައްޔަރުކޮށް، 48 ގަޑިއިރަށް ކޯޓަށް ހާޒިރުކުރުމަކާ ނުލައި ބަންދުގައި ބޭތިއްބޭ ގޮތަށް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ހިމަނައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން، ޓެރަރިޒަަމް މަނާކުރުމުގެ ގާނޫނަށް ބަދަލުގެންނަ ބިލު ހުށަހެޅުްވީ ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމްއެވެ، މި ބިލު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ބިލު ދިރާސާކުރުމަށް ފަހު ކޮމިޓީން ހުށަހެޅި ރިޕޯޓުގައި ވަނީ ފުލުހުންގެ ތަހުގީގަށް ގާނޫނުން ލިބިދޭ މުއްދަތު ތިން މަހަށް އިތުރު ކުރުމަށް ހުށަހަޅާފައިވާއިރު މީގެ ކުރިން މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންނަށް ލިބެނީ 45 ދުވަހެވެ. އެހެންކަމުން ޓެރަރިޒަމްގެ ބައެއް މައްސަލަތަކާއި، ހާލަތްތަކުގައި ތަހުގީގު ހިންގަން ފުލުހުންނަށް 90 ދުވަސް ދިނުމަށް ވަނީ ފާސްކޮށްފައެވެ، އަދި ޓެރަރިޒަމްގެ މައްސަަލައެއް ތަހުގީގު ކުރަން އޮންނަ މުއްދަތުގެ ތެރޭގައި ތަހުގީގު ނުނިމެނީ ފުލުހުންގެ ބާރު ނުފޯރާ ކަމެއްގެ ސަބަބުން ކަމަށް ވެއްޖެ ނަމަ، ތަހުގީގަށް އިތުރު މުއްދަތު ދިނުމަށް ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި، ތުހުމަތު ކުރެވޭ މީހާ 48 ގަޑިއިރަށް ބަންދުކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ. މީގެ ކުރިން ކޯޓު އަމުރެއް ނެތި ބަންދުކުރެވެނީ 24 ގަޑިއިރަށެވެ،