English Edition
Dhivehi Edition

ރާއްޖޭގައި ގޮވާތަކެތި ބޭނުންކޮށްގެން ހަމަލާއަށް ދިނުމަށް ރާވަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން 14 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހްމަދު ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން މި މަހު 11 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ އާއި މާލެ އަދި ކ. ގުރައިދޫގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ހައްޔަރުކުރި 14 މީހުންނަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންކަމަށާއި އޭގެ ތެރެއިން 9 މީހުނަކީ މީގެ ކުރިންވެސް ޓެރެރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުން ކަމަށް އުސްވަތު ވިދާޅުވިއެވެ.

މި އޮޕަރޭޝަންގައި އައްޑޫ ސިޓީއިން 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން އައްޑޫ ސިޓީގެ 11 ގެއެއް ބަލާ ފާސްކޮށްފައިވާއިރު މާލެއިން ދެ ފިރިހެނަކު ހައްޔަރުކޮށް ހަތަރު ގެއެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި މި މައްސަލަ އާއި ގުޅިގެން ކ. ގުރައިދޫއިން ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު ވިދާޅުވީ ހައްޔަރުކުރި 14 މީހުންނަކީ ވެސް 18 އަހަރުން މަތީގެ މީހުންކަމަށާއި އެމީހުން ރާވަމުން ދިޔައީ ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށްކަމަށެވެ.