English Edition
Dhivehi Edition

ނިރުބަވެރި އަމަލުތަކެއް ހިންގަން އުޅުމުގެ ތުހުމަތުގައި މިދިޔަ އަހަރު ތ. ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެކަކަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަމީރުކަމުގެ މަގާމަށް އައްޔަންކޮށް އެކަމުގެ ލިޔުން ވެސް ދީފައިވާ މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރައި އެކި ތަންތަނުގައި ހަމަލާ ދޭން ރާވަމުން ދަނިކޮށް ފުލުހުން ވަނީ އަށް މީހަކު ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައި އެ މީހުންނާ ބެހޭ ގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައެވެ. ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވީ ތިމަރަފުށީ ފެހިވިދުވަރުގޭ އަބްދުﷲ ޝަރީފް، 34، އަކީ އައިސިސް އިން ކަނޑައެޅި އަމީރު (މުސްލިމުންގެ ވެރިޔާ) ކަމަށް ބުނާ ލިޔުން ފެނުނީ ހައްޔަރުކުރި މީހެއްގެ ފޯނުން ކަމަށާއި ޝަރީފަކީ އައިއެސް ޖަމާއަތުގެ ހޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި އައްޔަން ކުރި މީހެއް ކަމަށެވެ.

ޓެރަރިޒަމުގެ އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް “ނަސާހް 3” ކިޔާ ދޯންޏަކުންނެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.