ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއަށް ފަހު އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާ ލިބި ރައީސް ނަޝީދުގެ ފުރަތަމަ މެސެޖް ޓްވީޓް އެއްގެ ޒަރިއްޔާއިން ރައްޔިތުންނާއި ހަމައަށް ފޯރުކޮށްފިއެވެ.
ދިވެހި ރާއްޖޭގެ ސިއްޙީ ދާއިރާއަށް މަރްޙަބާ އާއި ޝުކުރު ދެންނެވުމަށްފަހު، މާތް اللهގެ ހެޔޮ ރަޙްމަތް ފުޅުން ތިބޭފުޅުން ތި އެދި ވަޑައިގަންނަވާ ހެޔޮވެރިކަން ހޯދައި ދިނުމުގައި ދެމި ހުންނާނެ ކަމަށް ބުނެ ރައްޔިތުންނަށް އީދުގެ ތަޙުނިޔާ ވަނީ ފޮނުވާފައެވެ.
ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ވަނީ ވަރަށް ސީރިއަސް ޒަހަމްތަކެއްވެފައެވެ. ލިބުނު ޒަހަމްތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ބޮޑެތި އޮޕަރޭޝަންތަކެއް ކޮށްފައި ވެއެވެ.
ރައީސް ނަޝީދަށް ހަމަލަދީފައި ވަނީ ރޭޒާފުއް ތަކަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތަކެއް ބޭނުން ކޮށްގެން ހަދާފައިވާ އައި.އީ.ޑީ އަކުން ކަމަށް ވާއިރު، އޭގައި ހުރި ރޭޒާ ފުށްތައް އެ މަނިކުފާނުގެ ހަށިކޮޅު ތެރެއަށް ވަދެފައި ވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް އެހޮސްޕިޓަލުން ކުރަން ޖެހުނެވެ. ރައީސް ނަޝީދަށް ލިބުނު ޒަހަމްތަކަށް އިތުރަށް ފަރުވާ ހޯއްދެއްވެމަށް މާދަމާ ޖަރުމަނަށް ފުރާވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ އާއިލާއިން ވަނީ ބުނެފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން އައި.އީ.ޑީ ގޮއްވާލައި ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބޮން ގޮއްވާލުމުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާ އަދި ބައިވެރިވި ކަމަށް ތުހުމަތުވާ މއ. ފޭރުގޭ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދެވެ. ހައްޔަރު ކުރެވުނު މީހުންގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.