English Edition
Dhivehi Edition

ރައްޔިތުން މަޖިލީހުގެ ރައީސް އަށް ދެވުނު ހަމަލާގެ އިންކުއަރީ ކޮމިޓީއަށް ސަރުކާރުން އެއްބާރުލުން ދޭ ކަމަށާއި އިންކުއަރީއަށް ހުރަސް ނާޅާނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ވާޗުއަލްކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސް ވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އިންކުއަރީ އަށް ހުރަސް ނާޅާނެ ކަން ރައްޔިތުން މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ސަރުކާރުން އެއްބާރުލުން ދޭކަން މީގެ ކުރިން ބާއްވައިފައިވާ ނޫސްވެރިންގެ ބައްދަލުވުން ތަކުގައި އިންކުއަރީ ކޮމިޓީންވެސް ވާނީ ސާފު ކޮށްދީފައި ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން އިންކުއަރީ އަށް ސަރުކާރުން ހުރަސް އަޅުއްވާ ކަމުގެ މޭރުމުގައި ރައީސް ނަޝީދުގެ މެސެޖެއް ގޮތުގައި ވަނީ މެސެޖެއްވެސް ދައުރުވެފައެވެ. މެސެޖްގައި ވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމް އެން ޑީ އެފް ގެ ވަކި ވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށް ބުނެފައި ވެއެވެ.

މިވާހަކަ ތަކުގެ ދިފާއުގައި ރައީސް ސޯލިހް ވިދާޅުވީ ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ހާމަކުރީ ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ކަމަކާ ހަވާލާދީ ކަމަށާއި ނަމަވެސް އެއްބާރުލުން ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ސަރުކާރުން އެެއްވެސް ހުރަހެއް އަޅަމުން ނުދާ ކަމަށާއި އިންކުއަރީ ފުރިހަމައަށް ގެންދަން ބާރު އަޅަކަމާއި އެކަން މައްސަލަ ކުރިއަށް ގެންދާ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަަސްލަމްވެސް ވިދާޅުވެފައިވާ ކަމަށް ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ. އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ފެންނަ މަންޒަރަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ އަސްލު ގެއްލޭ ހިސާބަށް ވާހަކަތައް ގެންދާ މަންޒަރުކަމަށާއި އެފަދަ ހަމަލާއެއް ދެވުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. އެންމެންގެ އަމާޒަކަށް ވާން ވާނީ ހަމަލާގެ އަސްލަށް ވާސިލްވާން މަސައްކަތްކުރުން ކަމަށާއި އެންމެންގެވެސް އަމާޒަކަށް ވާން ޖެހޭނީ އެކަން ކުރީ ކާކު ކަމާއި، ކޮންބައެއް ބުނެގެން ކުރި ކަމެއްތޯ ބެލުމާއި އެކަން ކުުރުމަށް ބަޔަކު ފައިސާ ހަރަދު ކުރިތޯ ބެލުން ކަމަށާއި އެފަދަ ކަމެއް ވިޔަ ނުދީ ގައުމު ސަލާމަތް ކުރުން ކަމަށެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރުވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.

އެހަމަލާ އާއި ގުޅިގެން ހަތަރު މީހުން ހައްޔަރު ކޮށްފައިވެއެވެ. އެހަމަލާ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އެމީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.