English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިހާބަށް އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހައިކޯޓުން މިއަދު އެ ގޮތަށް ނިންމީ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ. ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް، އަދި ގާނޫނީ ވަކީލު މޫސާ އަންވަރު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށާއި، އެ އިސްލާހުން ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ބައެއް ހައްގުތަކަށް އުނިކަން އަންނަކަމަށެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ނިންމާފައިވާއިރު މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި މޫސާ އަންވަރު ވިދާޅުވެފައި ވަނީ، އަންހެނުންނަށް ގޮނޑި ހާއްސަ ކުރަން ރާއްޖޭގެ ގާނޫނުއަސާސީ ތަން ނުދޭ ކަމަށެވެ. މީގެ އިތުރުން މޫސާ އަންވަރު ވިދާޅުވީ ރާއްޖޭގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރެވޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެންކަމަށެވެ. މި މައްސަލައިގައި ދައުލަތުން ވަނީ އަންހެނުންނަކީ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބެން ޖެހޭ ބައެއް ކަމަށާއި އެހެންކަމުން، އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދުމަށް ގޮނޑި ހާއްސަ ކުރުން ފަދަ ފިޔަވަޅުތައް އެޅުމަކީ ގާނޫނުއަސާސީ ތަސައްވުރު ކުރާ ކަމެއްކަން ހާމަކޮށްފައެވެ.