English Edition
Dhivehi Edition
އަނީސް ހިލްމީ

މާލޭގެ ގެސްޓް ހައުސްއެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަނީސް ހިލްމީ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާއި އޭނާ އަލުން ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފިއެވެ.

11 އަހަރުގެ ކުޑަކުއްޖަކަށް އެކި ބާވަތުގެ ތަކެތި ގަނެދީ އެ ކުއްޖާ ގްރޫމްކޮށްގެން ގެސްޓްހައުސްއަކަށް ގެންގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަނީސް ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އަނީސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ މަހުގެ ފަހުކޮޅު އޭނާ ދޫކޮށްލާފައިވާއިރު ކްރިމިނަލް ކޯޓުން ބުނީ އަނީސް ދޫކޮށްލީ ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި ގަވާއިދާ ހިލާފް އެއްވެސް ކަމެއް ނުކުރާތީއާ ހެކިބަސް ނަގާ ނިމިފައިވާތީ ކަމަށެވެ.

އެ މައްސަލަ ޕީޖީއިން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު ހައި ކޯޓުން އެ މައްސަލާގެ ހުކުމުގައި ބުނެފައިވަނީ ހެކިބަސް ނަގާ ނިމިފައިވުމަކީ އޭނާ ދޫކޮށްލަން އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ. އަނީސް ބަންދުން ދޫކޮށްލަން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފައިވާއިރު އޭނާ އަލުން ބަންދު ކުރުމާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންދެން އޭނާ 7 ދުވަހަށް ބަންދުކުރަންވެސް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.